މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފު އައްޔަން ކޮށްފި އެވެ.

އެމްއެސްއެސް އަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ލައިނާ ޝިޕިންގް ހިދުމަތް ފޯރުކޮށްދިނުމަށް 2020 ވަނަ އަހަރު އުފެއްދި އާ ޝިޕިންގް ކުންފުންޏެކެވެ. އެންމެ ފަހުން އެ ކުންފުނީގެ އެމްޑީގެ މަގާމު ފުރުއްވާފައި ވަނީ ކެޕްޓަން މުހައްމަދު ނާޒިމް އެވެ.

ޝަރީފް މިއަދު އެ މަގާމަށް އައްޔަން ކުރެއްވި އިރު މި ސަރުކާރުން އޭނާ ވަނީ ޕޮލިސް ބޯޑަށް ރައީސް އައްޔަން ކުރައްވާ މެންބަރެއްގެ މަގާމުވެސް ފުރުއްވަމުންނެވެ. ޝަރީފް ވަނީ މީގެ ކުރިން އާފަތިސް ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

އެ މަގާމަށް އޭނާ އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވް މަގާމުގަ އެވެ. އެމްއެސްއެސްގެ ސީއޯއޯގެ މަގާމަށް މި މަހުގެ 21 ވަނަ ދުވަހު ވަނީ ކެޕްޓަން އިބްރާހިމް ރަފީއު އައްޔަން ކުރައްވާފައެވެ.

އެމްއެސްއެސް އުފެއްދީ އިތުބާރު ހިފޭ ގައުމީ ޝިޕިންލައިނެއް ނެތުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނާއި އެހެނިހެން ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދަދީ ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމުގެ ބޭނުމުގައެވެ.