ސްރީ ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ފޮނުވި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި، 14 ކޮންޓެއިނަރު މަސް ލަންކާއަށް ހިފައިގެން ފުރި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު ލަންކާގައި ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނުއެވެ.

ރާއްޖޭގެ ފަރާތުން މިތަކެތި ލަންކާއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. އަދި ލަންކާގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓާ (ޑީއެމްސީ)ގެ ޑިރެކްޓަރު އޮފް އޮޕަރޭޝަންސް ބްރިގޭޑިއާ ރޯޝަން ދަރްމާވަކްރަމާއެވެ.

ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ ހަވާލުކޮށްފައިވާއިރު އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ 38 މީޑިއާއަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން 15,000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު އެ ގައުމަށް އެހީވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ފަންޑްރައިޒް ހަރަކާތްތައް ބާއްވަމުންނެވެ.

މީގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިން އިސްނަގައިގެން ޒާރޫރީ ސާމާންތައް އެ ގައުމުގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.