ސްރީ ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 25،000 މަސްދަޅު ކޭސް ހިފައިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓެއް ފުރައިފިއެވެ.

އެސްޓީއޯ އިން ބުނީ 25،000 މަސްދަޅު ކޭސް 14 ކޮންޓެއިނަރަށް ބަރުކޮށްގެން އެމްއެސްއެސްގެ ބޯޓު ގަލޭނާ ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ދިއުމަށް ރޭ ދަންވަރު ފުރާފައިވާ ކަމަށެވެ. ރޭ ދަންވަރު 12:30 ގައި މާލެއިން ފުރި އެ ބޯޓަށް ކޮލަމްބޯއަށް ދެވޭނީ މާދަމާގެ ހެނދުނު 11:30 ގައެވެ.

ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ ހަވާލުކޮށްފައިވާއިރު އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ 38 މީޑިއާއަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ އިއްޔެ ވަނީ ހަވާލުކޮށްފައެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން 15,000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، މަރުވި މީހުންގެ އަދަދު ވަނީ 355 އަށް އަރާފައެވެ. ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 366 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެ ގައުމުގެ ކާރިސާތަކާ ބެހޭ އިދާރާ އިން ބުނެއެވެ.