މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އިން ޓްރާންސްޝިޕްމަންޓުގެ ހިދުމަތް ދިނުމަށް ގަނެފައިވާ ކޮންޓެއިނަރު އުފުލާ ބޯޓުގެ ދަތުރުތައް އައްޑުއަށް ފަށައިފިއެވެ.

މިއަހަރު އޯގަސްޓް މަހު ގަނެފައިވާ 'އެމްއެސްއެސް އޯޕަލް' ނަމަކަށް ކިޔާ މި ބޯޓުގެ ފުރަތަމަ ދަތުރުގައި، މި މަހުގެ 14 ވަނަ ދުވަހު އައްޑޫ ސިޓީ ސަރަހައްދީ ބަނދަރުގައި ވަނީ، ބަނދަރު ކޮށްފައެވެ.

އެމްއެސްއެސް އިން ބުނީ މި ބޯޓުން، ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް އައްޑޫއަށް މުދާ ގެނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. މި ގޮތުން މި އުޅަނދަކި ރާއްޖެއިން ބޭރުން ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫއަށް ގެންދިއުމާ އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑުއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެކެވެ.

ބޯޓުގެ ދަތުރުތަކަށް ބުކް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ، އަދި މާލެއަށެވެ. އެމްއެސްއެސް އޯޕަލް އަކީ 105 ކޮންޓެއިނާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ ދިގު މިނުގައި 67 މީޓަރު ހުރި 3.2 މީޓަރުގެ ޑްރާފްޓްގެ ބޯޓެކެވެ.

އެމްއެސްއެސްގެ އެމްޑީ ނާޒިމް ވިދާޅުވީ ޓްރާންސްޝިޕްމަންޓް ހިދުމަތަށް އެމްއެސްއެސްއިން ވަންނަން ޖެހުނީ ރާއްޖޭގައި މިހާރު މި ހިދުމަތް އެކަށީގެންވާ ގޮތެއްގައި ލިބެން ނެތުމުން ކަމަށެވެ. އަދި ސަރުކާރުން ގެންގުޅޭ ލާމަރުކަޒު ކުރުމުގެ ސިޔާސަތާއި ދެކުނުގެ އިގްތިސާދު ފުޅާކުރުމާއި މުދާ އެތެރެކުރާ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަކީވެސް މި ހިދުމަތަށް އެމްއެސްއެސްއިން ވަނުމުގެ މަގްސަދުގެ ތެރޭގައި ހިމެނޭކަމެއް ކަަމަށެވެ.