ރާއްޖެ އާއި ޗާގޯސްއާ ދެމެދުން ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށް ދާ މައްސަލައިގައި ހުކުމް އިއްވުން މި މަހުގެ 28 އަށް ތާވަލު ކޮށްފިއެވެ.

ރާއްޖެ އާއި މޮރިޝަސް ދެމެދުގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް އެދި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފައި ވާއިރު މި މައްސަލައިގައި ހުކުމް ކުރުމުގެ މަޖިލިސް ތާވަލު ކޮށްފައިި ވަނީ، މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ހެނދުނު 11 އަށެވެ.

އެ ދައުވާއާ ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ފަރާތްތަކުންނާއި އާންމުން ބުނަމުން ގޮސްފައި ވަނީ ޗޯގޯސްއަކީ ކުރިން ރާއްޖޭގެ ބައެއް ކަމަށާއި އެތަން އަނބުރާ ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޗާގޯސް އައިލޭންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް އަންގަވާފައި ވާއިރު، މިއޮއްހާ ދުވަހު ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް ވޮލަންޓިއާ ކޮށް މޮރިޝަސް އަށް ވޯޓު ދޭން ނިންމި ސަބަބު އަދިވެސް މުޅިން ސާފު ނުވާ އިރު، ދެ ގައުމުގެ އިން ވަކި ކުރާ ހިސާބުގައި ފުށޫ އަރާ 4000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް އެބައޮތެވެ.

ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ހަދަން ލިބުނު އެންމެފަހުގެ ފުރުސަތު ގެއްލުވާލީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް މިސަރުކާރުން ބުނެއެވެ.