ފުރަތަމަ ފަހަރަށް ޗީފް އިންޓާނަލް އޮޑިޓަރު ކަމަށް ބޭފުޅަކު އައްޔަނުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، ނިއުސްޓާ / ހއ. ފިއްލަދޫ، ފާތިމަތު ސަލާހާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން، ނައިބު ވަޒީރުންގެ ފެންވަރުގައި ކަމަށެވެ.

އޭނާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ޗީފް އިންޓާނަލް އޮޑިޓަރު ކަމަށް އައްޔަނުކުރި ފާތިމަތު ސަލާހާ ވަނީ މި އަހަރު ޗާޓާޑް ސާޓިފައިޑް އެކައުންޓަންޓް އޮފް މޯލްޑިވްސްގެ މެންބަރަކަށް ވެފައެވެ. އަދި އޭނާ އަކީ 2014 އިން ފެށިގެން އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓްފިކެޓަޑް އެކައުންޓަންޓްސްގެ ވެސް މެންބަރެކެވެ.

އެ މަގާމަށް އައްޔަނުކުރުމުގެ ކުރިން ސަލާހާ ވަނީ ފިނޭންސް މިނިސްޓްރީގެ ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަގާމް ފުރުއްވައިފައެވެ. އޭގެ ކުރިން އޭނާ ފުރުއްވާފައިވާ އެހެން މަގާމުތަކުގެ ތެރޭގައި، ޓްރޭޑްނެޓް ކުންފުނީގެ ފައިނޭންސް އެކައުންޓްސް މެނޭޖަރުގެ މަގާމް، އަދި އޮޑިޓް އޮފީހުގެ ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަގާމް ހިމެނެއެވެ.