ވައިގެ މަގުން ޕާކިސްތާނުން ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުން 4.98 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ މިއަދު ޕާކިސްތާނުގެ ކަރާޗީއިން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 53 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ އަތުން ކަމަށެވެ.

އެ ފަސެންޖަރާމެދު ޝައްކުކުރެވި އޭނާއާ ސުވާލުކޮށް ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަތުލައިގަނެވިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިން ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ވެސް ކަސްޓަމްސްއިން ލަފާކުރެއެވެ.

މީގެ އިތުރަށް ކަސްޓަމްސްއިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުންއަންނައިރު އިއްޔެ އިތިއޮޕިއާއިން ރާއްޖެ އައި 56 އަހަރުގެ އިންޑިއާ ފަސިންޖަރެއް ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުންވަނީ 5.38 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެއީ 9 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.