ނުވަ މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކު އިންޑިއާ އަންހެނަކު އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފާނެ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އިތިއޯޕިއާ އިން އިއްޔެ އައި މީހަކު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ހިދުމަތުން ބުނި ގޮތުގައި، އޭނާގެ ލަގެޖާއި އަތް ދަބަސް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ހެރޮއިނަށާއި ކޮކެއިނަށް ޕޮޒިޓިވްވެފައި ވެއެވެ.

އެ މައްސަލައިގައި ކަސްޓަމްސް އިން ބަލައި ފާސްކޮށްފައި ވަނީ އިންޑިއާ އަށް ނިސްބަތްވާ، އުމުރުން 56 އަހަރުގެ އަންހެން ފަސިންޖަރެއްގެ އަތް ދަބަހާއި ލަގެޖެވެ. ކަސްޓަމްސް އިން އާންމުކުރި ތަފްސީލުގައިވާ ގޮތުން:

  • 5.38 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައިވޭ
  • އެއީ 1.18 ކިލޯގެ ކޮކެއިން އަދި 4.2 ކިލޯގެ ހެރޮއިން
  • އެ ތަކެތީގެ މަގުމަތީ އަގު ނުވަ މިލިއަން ރުފިޔާ އަށް ވުރެ މަތި

އެ ތަކެއްޗާ އެކު، އެ މައްސަލަ އިތުރަށް ތަހްގީގުކުރުމަށްޓަކައި އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.