މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި 173 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓްތަކުގެ ތެރެއިން 151 އެކްސިޑެންޓް ރިޕޯޓްކޮށްފައި މާލެ ސަރަހައްދުން ކަމަށާއި ދެން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫގައި ކަމަށެވެ. އެގޮތުން މި ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެ ސިޓީން 9 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ހދ. އަތޮޅުން ތިން އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާއިރު ހއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ފުވައްމުލަކުން ދެ އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި ރ. އަތޮޅާއި ބ. އަތޮޅާއި އދ. އަތޮޅާއި ދ. އަތޮޅާއި ލ. އަތޮޅު އަދި ގއ. އަތޮޅުން ކޮންމެ އަތޮޅަކުން އެއް އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، މި އެކްސިޑެންޓު ތަކުގެ ތެރެއިން ދެ މީހަކު މަރުވެފައިވާ ކަމަށެވެ. އެއީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާއި ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި ކަމަށް ފުލުހުން ބުނެއެވެ. މި ދެ އެކްސިޑެންޓްގައި ވެސް މަރުވެފައި ވަނީ ފިރިހެނުންނެވެ.