ފެނަކަ ކޯޕަރޭޝަންގެ ފުރިހަަމަ އޮޑިޓެއް ހެދުމަށް ގޮވާލާ ރައްޔިތިންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ކުދި ވިޔަފާރިތައް ހިމެނޭ ގޮތަށް ފެނަކައިން 2.8 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާއަށް ދަރަނިވެރިވެފައިވާ ކަމަށާއި އެ ފައިސާ ނުލިބުމުގެ ސަބަބުން އެ ކުންފުނިތަކަށް މާލީގޮތުން ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް ބުނެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.
މީގެ އިތުރުންވެސް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ، ސިޔާސީ ކަންކަމަށް އެތަކެއް ހަރަދެއް ފެނަކައިގެ ބަޖެޓުން ކުރަމުންދާ ކަމަށާއި އެންޓި ކޮރަޕްޝަންގެ ރިޕޯޓުގައިވެސް އެކަން ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ނުދީގެން ސަޕްލަޔަރުން މުޒާހަރާ ކުރަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެހެން ކަމުން ފައިނޭންޝިއަލް އޮޑިޓެއް ހަދައި ދަރަނިތައް މެނޭޖް ކުރުމަށް ޕްލޭން އެއް އެކުލަވާލުމަށް ޝަރީފް ހުށަހެޅި މައްސަލައިގައި ގޮވާލައްވާފައި ވެއެވެ.
ނަމަވެސް ވޯޓުގައި ބައިވެރިވެ ވަޑައިގެން 33 މެންބަރުންގެ އަގްލަބިއްޔަތުން ވަނީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައެވެ. އެގޮތުން މައްސަލަ ބަލައިގަތުމަށް 15 މެންބަރުން ވޯޓޫ ދެއްވާފައިވާއިރު މައްސަލަ ބަލައި ނުގަތުމަށް 18 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމަށް އެކި ފަރާތް ތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތުން އެސްޓީއޯގެ ކުރީގެ އެމްޑީ، ހުސެއިން އަމްރު ވެސް ވަނީ ފެނަކައިގެ ހިންގުން ދޯދިޔާވެފައިވާ ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް ފެނަކައިން އެކަމާ ގުލޭ ގޮތުން މިހާތަނަށް އެއްޗެއް ބުނެފައެއް ނެތެވެ.