ދައުލަތުގެ ޓެކުހުގެ މައި އިދާރާ ކަމުގައިވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ނިމިދިޔަ މާޗް މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.
މީރާ އިން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މާޗް މަހާ އަޅާ ބަލާއިރު މި އަހަރުގެ މާޗް މަހު ލިބުނު އާމްދަނީ ވަނީ 2.2 ބިލިއަން ރުފިޔާ ދަށަށް ގޮސްފައެވެ. ޕަސެންޓުން ބަލާނަމަ މިއީ 1.2 ޕަސެންޓުގެ ދަށްވުމެކެވެ.
މިދިޔަ މަހުގެ އާމްދަނީ ދަށަށް ދިޔަ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާ އިން ފާހަގަ ކޮށްފައި ވަނީ، ކޯޕަރޭޓް އިންކަމް ޓެކްސްގެ އިތުރުން ނޮން-ރެސިޑެންޓް ވިތްހޯލަޑިންގް ޓެކްސް ލިބުނު ވަރު މަދުވުން ކަމަށެވެ. 2022 ވަނަ އަހަރުގެ އިންކަމް ޓެކްސް ފައިނަލް ޕޭމަންޓްގެ ސުންގަޑި މާޗް މަހަށް ހަމަވިއިރުވެސް ޓެކްސް ދެއްކީ މަދު ބައެއްކަން މީރާގެ ތަފާސް ހިސާބުން ހާމަވެއެވެ.
މީގެ އިތުރުންވެސް ޓޫރިޒަމް ލޭންޑް ރެންޓުގެ ފައިސާ ދެއްކުމުގެ ސުންގަޑި ވަނީ އޭޕްރީލް މަހަށް އިތުރު ކޮށްފައެވެ. އެއާއެކު ލޭންޑް ރެންޓުގެ ގޮތުގައި ބަލައިގަތް ފައިސާ މާޗް މަހު ވަނީ މަދުވެފައެވެ.
މީރާއިން ބުނީ ނިމިދިޔަ މާޗް މަހު އެ އިދާރާއަށް ޖުމްލަ 2.19 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށެވެ. އަދި ޑޮލަރުގެ ގޮތުގައި 100.99 މިލިއަން ޑޮލަރު ބަލައިގެންފައި ވެއެވެ.
އެންމެ ގިނައިން އާމްދަނީ މީރާއަށް މިދިޔަ މަހު ލިބިފައިވަނީ:
- ޖީއެސްޓީގެ ގޮތުގައި އާމްދަނީގެ 60 ޕަސެންޓް
- ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި އާމްދަނީގެ 14 ޕަސެންޓް
- އިންކަމް ޓެކްސްގެ ގޮތުގައި އާމްދަނީގެ 6.6 ޕަސެންޓް
- ގްރީން ޓެކްސްގެ ގޮތުގައި އާމްދަނީގެ 4.8 ޕަސެންޓް
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި އާމްދަނީގެ 4.5 ޕަސެންޓް
- އެހެނިހެން ޓެކުހާ ފީތަކުން 10.1 ޕަސެންޓްވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހު މީރާ މެދުވެރިކޮށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 287.3 މިލިއަން ޑޮލަރުގެ އިތުރުން 7.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ވޯލްޑް ބޭންކުން މީގެ ކުރިން ނެރުނު ރިޕޯޓުގައިވާ ގޮތުން، ކޮވިޑް-19 ގެ ކުރިން ފަގީރުންގެ ނިސްބަތް ހުރި މިންވަރަށް ވުރެ ދަށަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަ ކުރިއެވެ.
އޭގެ އިތުރުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހަރަދުކުރަން ސަރުކާރުން ރާވާފައި ވުމުގެ ސަބަބުން ރާއްޖޭގެ ދަރަނި މަތިވާނެ ކަމަށާއި، ވަކި ފަރާތަކަށް ބެލުމެއް ނެތި ސަބްސިޑީ ދިނުމާއި، ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތަކަށް ފައިސާ ދިނުމާއި، މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ހަރަދުތަކުގެ ސަބަބުން ސަރުކާރުގެ މާލިއްޔަތަށް ހީނަރުކަން އަންނާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ އަންދާޒާ ކޮށްފައެވެ.