ރ. ފުއްގިރި ހިޔާނާތުގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މައްސަލައިގެ ހެކި ރައްކާތެރި ކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ވަގުތީ އަމުރެއް ނެރެ ނުދިނުމަށް ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުން ނެރުނު އަމުރުގައި ވަނީ ކްރިމިނަލް ކޯޓުގެ ހެކި ރައްކާތެރި ކުރުމަށް އެދި ހުށަހަޅާ ފޯމާމެދު ނިންމި ނިންމުންތަކަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމުގައި ކަނޑައަޅައި މައްސަލަ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔާތާއެކު އެ ގޮތަށް ހުކުމް ކޮށްފައިވާ ކަމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުންކޮށްފައިވާ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމް (ސަންޓްރެވަލް ސިޔާމް) ގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ދައުވާގެ ހެކި ރައްކާތެރި ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެ ނުދިނުމަށް އެ ކޯޓުން ނިންމާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ނެގުމުގެ ދައުވާގެ މައްސަލައިގައި 12 ހެއްކެއް ރައްކާތެރިކޮށް ދިނުމަށް ސިޔާމް ގެ 2 ކުންފުނިން ހުށަހަފައިވާއިރު އެ ދައުވާގެ އަޑު އެހުންތައް މަޑު ވ، އާރަށު މައްސަލައިގެ އިސްތިއުނާފު މައްސަލަ ނިމެންދެން މަޑުޖައްސާލަން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައި، މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ވަނީ އިއްވާފައި ވެއެވެ. ޔާމީން މިހާރު ހުންނެވީ އެ ހުކުމް ތަންފީޒު ކުރެއްވުމަށް ޖަލުގައެވެ.