ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ހިމެނޭ ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންގެ އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމަށް ދައުލަތުން އެދުނު އަމުރު ނެރެދެވެން ނެތްކަމަށް ހައި ކޯޓުން ކުރި ޙުކުމް ބާޠިލުކޮށް، އެ އަމުރާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އަންގައިފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ، ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހުގައެވެ.
މި މައްސަލައަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަނގުރާމައަށް ދާން އުޅުމާއި، ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރާ ލިޔުން ގެންގުޅުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން ފަދަ ތުހުމަތުތަކުގައި ސ. މަރަދޫފޭދޫ، ފިނިފެންމާގެ، އިބްރާހީމް ވިސާމް، ގދ. ނަޑެއްލާ، ހިތަށްފިނިވާގެ، ސައުސަން ރަޝީދު އަދި މ.އެޗީވް އަބްދުﷲ ހުވައިރިޘް ބިން މުހައްމަދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރާ މައްސަލައެކެވެ.
މި މައްސަލައިގައި ދައުލަތުން ސާބިތުކުރުމަށް ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުތަކާއި ފޯނު އަދި އިލެކްޓްރޯނިކް ޑިވައިސް އެނެލިސިސް ރިޕޯޓުތައް ތައްޔާރުކުރި ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންގެ ކާކުކަން ހާމަނުވާނެހެން، އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން، ވަކިވަކި އޮފިސަރުންނަށް އޮތް ހާއްސަ ނުރައްކަލެއް ދައްކައިދެވިފައި ނުވާކަމަށް ބުނެ ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވަނީ އެ އަމުރު ނެރެދެވެން ނެތްކަމަށް ނިންމާފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރި މުހިންމު ކަންތައްތަކުގެ ތެރޭގައި ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބުނާ "ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލު" އޮތްކަން ބެލުމުގައި، ކޮންމެހެން މީގެ ކުރިން އަނިޔާއެއް ނުވަތަ އިންޒާރެއް ލިބިފައިވުން ލާޒިމެއް ނޫނެވެ. އިންޓެލިޖެންސް އޮފިސަރުންގެ މަސައްކަތުގެ ތަބީއަތަށް ބަލައި، ޖަމާއީ ގޮތެއްގައި އެ މީހުންނަށް ނުރައްކަލެއް އޮތްކަން ބުނެދެވުމުން ފުދޭނެ ކަމަށް ސޕްރީމް ކޯޓުން ވަނީ ބުނެފައެވެ
މީގެ އިތުރުން ސުޕްރީމް ކޯޓުން ބުނީ ހެކިބަސް ސިއްރުކުރުމާމެދު ގޮތެއް ނިންމާއިރު ހަމައެކަނި ވަކި ފަރުދަކަށް އޮތް ނުރައްކަލަށް ބެލުމުގެ ބަދަލުގައި، ދައުލަތުގެ ސެކިއުރިޓީ ނިޒާމާއި، އިންޓެލިޖެންސް މައުލޫމާތު ސިއްރުކުރުމުގެ އާންމު މަސްލަހަތަށް ވެސް ކޯޓުން ރިއާޔަތްކުރަންޖެހޭނެކަމަށެވެ. އަދި ދިފާއަށްށް ލިބޭ އިންސާފުވެރި ޝަރީއަތެއްގެ ހައްގަށް އަސަރުކުރާ މިންވަރާއި، ދައުލަތުން އެދިފައިވާ ފިޔަވަޅުގެ ކުޑަބޮޑުމިން ފަނޑިޔާރުން ވަޒަންކުރައްވަން ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ފަނޑިޔާރު ހުސައިން ޝަހީދު ލިޔުއްވައި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއީދުކުރެއްވި މި ރައުޔާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ހައި ކޯޓުގެ ނިންމުން ބާތިލުކުރުމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގާނޫނީ އުސޫލުތަކަށް ރިއާޔަތްކޮށް، ހެކި ހިމާޔަތްކުރުމުގެ އަމުރާމެދު އަލުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފައެވެ.
