ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އެފަދަ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ ދައުލަތުން އުފުުލި ގިނަ ދައުވާތައް ސާބިތުނުވާ ކަމަށް ނިންމި މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް ހޯމް މިނިސްޓްރީން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުގައި ފަސް އަހަރު ދުވަހު ހިންގުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ނިމުނު ޝަރީއަތުގައި ދައުލަތުން ވަނީ އެ މައްސަލައިގައި ހިމެނޭ އަށް މީހެއްގެ މައްޗަށް ޖުމްލަ ހަތް ދައުވާއެއް އުފުލާފަ އެވެ.

ދައުވާ އުފުލި އަށް މީހުންނަކީ ތިމަރަފުށީ، ފެހިވިދުވަރުގޭ، އަބްދުﷲ ޝަރީފާއި އެ ރަށު އަސްރަފީވިލާ، އަހުސަން މުހައްމަދާއި އެގޭ އަލީ މުނީޒާއި އެ ރަށު އަސުރުމާގޭ، މުހައްމަދު އާސިރާއި ތިމަރަފުށީ ސައިމާ، ސަމާހް ޝަރީފާއި ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދާއި ރ. މަޑުއްވަރީ، ބީޗްހައުސް، އަބްދުﷲ އިމާދުގެ އިތުރުން ނ. ކުޑަފަރީ، ރޯޒްމީޑް އިބްރާހިމް ލޫތުގެ މައްޗަށެވެ.

އޭގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ ތިން މީހުންގެ މައްޗަށެވެ. އެއީ އަލީ މުނީޒާއި އަލީ އަރުހަމް މުހައްމަދާއި އަބްދުﷲ އިމާދު އަދި އިބްރާހިމް ލޫތު އެވެ. އަލީ މުނީޒުގެ މައްޗަށްވެސް މި ދައުވާ ސާބިތުވެ 1 އަހަރާއި 9 މަހާއި 1 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރި އެވެ. އަދި އަލީ އަރުހަމް މުހައްމަދުގެ މައްޗަށްވެސް ތިން އަހަރުގެ ޖަލު ހުކުމެއް އައެވެ. ނަމަވެސް ޖަލުގައި ހުރި މުއްދަތު އުނިކުރުމުން އިމާދު އާއި މުނީޒު ތަންފީޒު ކުރާނެ އަދަބެއް ނެތެވެ.

އެއާއެކު ހޯމް މިނިސްޓްރީން ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރު ނެރެގެން އެމީހުން މޮނިޓާކުރަން ނިންމައި، އެކަމަށް އެދި ހުށަހަޅާފައެވެ. މިފަދަ އަމުރަކަށް އެދި ހޯމް މިނިސްޓްރީން ކޯޓަށް ހުށަހަޅާތާ 24 ގަޑިއިރު ތެރޭ ގޮތެއް ކަނޑައަޅަންޖެހޭއިރު މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް އިދާރާއަކުން ބަހެއް ލިބިފައި ނުވެއެވެ.

މޮނިކޮން އަމުރަކީ ޓެރަރިޒަމްގެ ކުށްތަކާއި ބޮޑެތި ޖިނާއީ ކުށްތަކުގައި ތުހުމަތުކުރެވޭ ނުވަތަ މުޖުތަމައަށް ނުރައްކާތެރި ކަމަށް ބެލެވޭ ކުށްވެރިންނާއި ގޭންގް މެންބަރުންގެ ހަރަކާތްތައް މޮނިޓާކޮށް ކޮންޓްރޯލް ކުރުމަށް ހައިކޯޓުން ނެރޭ ހާއްސަ ކޯޓު އަމުރެކެވެ.

އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ އެކި ދައުވާތައް ދައުލަތުން އުފުލާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މޮނިކޮން އަމުރެއްގެ މުއްދަތަކީ ގާނޫނުގައިވާ ގޮތުން އެއް އަހަރެވެ. އެ މުއްދަތު އިތުރު އެއް އަހަރަށް ދަންމާލަން ކޯޓަށް ފުރުސަތު ލިބުނު ނަމަވެސް މިނިސްޓްރީއަށް ފެނިއްޖެ ކޮންމެ ވަގުތެއްގައި ވެސް އެ އަމުރު ތަންފީޒުކުރުން ހުއްޓާލެވިދާނެ ކަމަށް ގާނޫނުގައި ވެއެވެ.