ރަށްރަށަށް ބޭނުންވާ އިތުރު 20 އެމްބިއުލާންސެއް ފޯރުކޮށްދިނުމަށް، ހެލްތު މިނިސްޓްރީން އެސްޓީއޯ އާ ހަވާލުކޮށްފިއެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި އެސްޓީއޯ އާއި ހެލްތު މިނިސްޓްރީން ސޮއިކުރީ މިދިޔަ އާދީއްތަ ދުވަހުގައެވެ.

އެގޮތުން ހެލްތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ.

އެސްޓީއޯ އިން ބުނީ، އެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ ތެރޭގައި 20 އެމްބިއުލާންސް ގެނެވި، މިނިސްޓްރީ އާ ހަވާލުކުރެވޭނެ ކަމަށެވެ.

ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމަށް 2021 ވަނަ އަހަރުގެ ޖޫން މަހުގައި އެސްޓީއޯ އާ ހަވާލުކޮށް 96 ރަށަކަށް ބޭނުންވާ ވަރަށް އެމްބިއުލާންސް ވަނީ ގެނެސްފައެވެ. އެ އެމްބިއުލާންސްތައް މިނިސްޓްރީ އާ އެއްކޮށް ހަވާލުކޮށް ނިމުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 26 ގައެވެ.

ސިއްހީ ހިދުމަތް ރަށްރަށަށް ފުޅާކޮށް އެމްބިއުލާންސް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތި، ނުވަތަ ހަލާކުވެގެން ބަލިމީހުން އުފުލުމަށްޓަކައި ބައެއް ރަށްރަށުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެ މައްސަލައިގައި ސަރުކާރަށް އާންމުން މީގެ ކުރިން ފާޑުކިޔާފައި ވެސް ވެއެވެ.