މުއްސަނދި ސަގާފަތަކާއި އާދަކާދައެއް އޮންނަ ދިވެހިންނަކީ އަމިއްލަ އުފެއްދުންތަކަށް ކާތަކެތި ތައްޔާރުކޮށް އުޅޭ ހީވާގި ބައެކޭ ބުނެވިދާނެއެވެ. ކާބަފައިންގެ ޒަމާނުން ފެށިގެން އެފަދަ ގިނަ ކާ ތަކެތި ދިވެހިން ތައްޔާރުކުރާއިރު ބައެއް ކާތަކެއްޗަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ހާއްސަ އެއްޗެކެވެ. އެހެންނަމަވެސް "ކުޅި ރޮށި" ނުވަތަ މި ނޫންވެސް އެތައް ނަމެއް ކިޔާ މި ކުޅި ކާއެއްޗަކީ މުޅި ރާއްޖޭގައި ވެސް ތައްޔާރުކުރާ އެއްޗަކަށް ވަނީ ވެފައެވެ.

އީދާއި ބޮޑު މާލޫދާއި ހިތާނީ މޫސުމަށް ތައްޔާރުކުރާ ކާ ތަކެތީގެ ތެރޭގައި ކުޅި ރޮށި ހިމެނޭއިރު މިއީ ގިނަ ބަޔަކަށް ވަރަށް މަގުބޫލު އެއްޗެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަށް ކިޔާ ނަން ތަފާތުވުމާއެކު ތައްޔާރުކުރަން ބޭނުންކުރާ ތަކެއްޗާއި ތައްޔާރުކުރާ ގޮތްވެސް ތަފާތުވެއެވެ. އާންމުގޮތެއްގައި ފުށް، ރިހާކުރު، ވަޅޯމަސް، ފިޔާ، މިރުސް ފަދަ ތަކެތި ބޭނުންކޮށްގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކުޅި ރޮށި ތައްޔާރުކުރި ނަމަވެސް ކުކުޅު ބިސް ބޭނުންކޮށްގެން ތައްޔާރުކުރާ ރަށްރަށްވެސް އެބަ ހުއްޓެވެ.

އެންމެން ކިޔަނީ އެއް ނަމެންހެން ހީވިޔަސް އެކައްޗަކަށް ތަފާތު އެކި ނަންތައް އެކި ރަށްރަށުގައި ކިޔާ އުޅެއެވެ. އެގޮތުން ކުޅި ރޮއްޓަށް ކުޅި ކާޖާ ކިޔާ ބަޔަކު އުޅޭއިރު ހުވަދޫ މީހުން އާންމުކޮށް ކިޔާ އުޅެނީ ގަރަފޮޅިއެވެ. އަދި ބިސް ރޮށި ކިޔާ އުޅެނީ އެއަށް ކުކުޅު ބިސް އިތުރުކުރާ ރަށްރަށުގެ މީހުންނެވެ.

ކުޅި ރޮށި/ ފޮޓޯ: ޖުވޭރިޔާ ވަޖުދީ

ރާއްޖޭގެ އެކި ކަންކޮޅުގައި ކުޅި ރޮށި ތައްޔާރު ކުރާއިރު އެކި ގޮތްގޮތަށް ކަފައެވެ. އަދި ކެފުމަށް ވަޅީގެ އިތުރުން މިންކުރަން ގެންގުޅޭ ކަޓޫރައިގެ މަތިވެސް ބޭނުންކުރާ ރަށް ރަށެއް މަދެއް ނޫނެވެ. ވުމާއެކު ކުޅި ރޮށި އާންމުކޮށް ފެންނަ ބައްޓަމުގެ އިތުރުން ވަށްކޮންވެސް ކުޅި ރޮށި ތައްޔާރުކޮށް އުޅެއެވެ. އަދި ހަދިޔާގެ ގޮތުގައި ރައްޓެހިންނާއި އާއިލާގެ މީހުން ކުޅި ރޮށި ހަދާ ފޮނުވުމާއި ރަށްރަށަށް ދާއިރު ގެންދިއުމަކީވެސް ދިވެހިންގެ އާދައެކެވެ. ބެލެވޭ ގޮތުގައި ހއ އާއި ށ އަތޮޅުގެ ބައެއް ރަަށްރަށުގެ މީހުން އެއަށް ކުޅި ހަދިޔާ ކިޔާ އުޅެނީ މިހެންވެއެވެ.

ކަޓޫރަ މަތި ބޭނުންކޮށްގެން ކުޅި ރޮށި ތައްޔާރުކުރާ ރަށްރަށުގެ މީހުން އެއަށް ކަޓޫރަމަތި ކިޔާއިރު ތ އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން އެއަށް ތެލަހޮޅިވެސް ކިޔާ އުޅެއެވެ. އެހެންނަމަވެސް އެއީ ކިހިނެއް ހެދިފައިވާ ނަމެއް ކަމެއް އެނގިފައެއް ނުވެއެވެ.

އާންމުކޮށް ކުޅި ރޮށި ފެންނަނީ ޑައިމަންޓް ނުވަތަ ޖަވާހިރުގެ ބައްޓަމަށް ކަމަށްވާއިރު ބައްޓަމާ ގުޅިގެންވެސް މިއަށް ނަން ދެވިފައިވާ ރަށްތައް ވެސް އެބަހުއްޓެވެ. ދިވެހި ނަމެއްގެ ގޮތުގައި އެ ބައްޓަމަށް ތުތިމަސް ކިޔާއިރު އެ ނަން ކުޅި ރޮއްޓަށްވެސް ކިޔާ އުޅެއެވެ.

ދެން އަހާލަން ބޭނުމީ ތިރަށު މީހުން މިއަށް ކިޔަނީ ކީކޭ ހެއްޔެވެ؟