ޗިކަން ބަން އަކީ ދިވެހިންގެ ތެރޭގައި އާ ނަމަކަށް ނުވާ އިރު މިއީ ތައްޔާރު ކޮށްލަން ފަސޭހަ އަދި އަނގައަށް ވެސް މީރު ކެއުމެކެވެ. މި ރެސިޕީ ގައި ޗިކަން ބޭނުން ކުރި ނަމަވެސް ފިޝް ބަން ތައްޔާރު ކުރަން ބޭނުންވާ ނަމަ ކުކުޅުގެ ބަދަލުގައި މަސް ބޭނުން ކުރެވިދާނެއެވެ.
ރޯދަ ވީއްލާ ގަޑީގެ އިތުރުން ތަރާވީސް ދަމު ކާލުމަށް ވެސް މިއީ ރަނގަޅު ކެއުމަކަށް ވާނެއެވެ.
ބޭނުންވާ ތަކެތި
ފުށް ގަނޑު ތައްޔާރު ކުރުމަށް:
- 2 ޖޯޑު ފުށް
- 1 ސައިސަމްސާ ލޮނު
- 1 ސައިސަމްސާ ހަކުރު
- 2 ސައިސަމްސާ އީސްޓް
- 2 މޭޒުމަތީ ސަމްސާ ތެޔޮ
- 1 ބިސް
- 1/2 ޖޯޑު ކިރު (ތާފަނާ)
ޗިކަން ފިލިންގް:
- 1 ސައިސަމްސާ ދިރި
- 1 ސައިސަމްސާ ލޮނު މެދު (ކުދިކޮށް ކޮށާފައި)
- 1 ފިޔާ (ކުދިކޮށް ކޮށާފައި)
- 1 ޖޯޑު ކުކުޅު މަސް (ކަށި ނެތް)
- 2 މޭޒުމަތީ ސަމްސާ ފުށް
- 1 ޖޯޑު ދިޔާ ކިރު
- 1/2 ސައިސަމްސާ ލޮނު
- 1/2 ސައިސަމްސާ އަސޭމިރުސް
- 1/2 ސައިސަމްސާ ހޯލަ ސްޕައިސް (ގަރަމް މަސާލާ)
- 1/2 އިނގުރު ޕައުޑަރު
- 1/2 ސައިސަމްސާ ރެޑް ޗިލީ ފްލޭކްސް
- 1 މޭޒުމަތީ ސަމްސާ ސޯޔާ ސޯސް
- 1 މޭޒުމަތީ ސަމްސާ ޗިލީ ސޯސް
- 1/2 ޖޯޑު މޮޒަރެއްލާ ޗީޒް
ތައްޔާރު ކުރާނެ ގޮތް
ފުށް ގަނޑު:
ފުށް، ލޮނު، ހަކުރު، އީސްޓް އެޅުމަށް ފަހު އެއްކޮށްލާށެވެ. އެއަށް ފަހު ތެޔޮ، ބިސް އަދި ކިރު އެޅުމަށްފަހު ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. ހުރިހާ އެއްޗެއް އެއްކޮށް މޮޑެވުމާއެކު ކުޑަ ތެޔޮ ފޮދެއް އެޅުމަށްފަހު އަނެއްކާވެސް ރަނގަޅަށް މޮޑެލާށެވެ. ފުށްގަނޑު ބޭރުގައި ތެޔޮ އުނގުޅުމަށްފަހު ތަށީގެ މަތި ރަނގަޅަށް ނިވާ ކޮށްލުމަށްފަހު އެއްކައިރީގައި ބަހައްޓާށެވެ. ނިވާ ކުރުމަށް މައްޗެއް ނޫނީ ވްރެޕިންގް ސެލޯފިން ވެސް ބޭނުން ކުރެވިދާނެއެވެ.
ޗިކަން ފިލިންގް:
ތަވަޔަކަށް ތެޔޮ ފޮދެއް އެޅުމަށްފަހު ދިރި، ލޮނުމެދު އަދި ފިޔާ އަޅާ 1-2 މިނަޓް ވަންދެން ކައްކާލާށެވެ. ދެން ކުކުޅު އެޅުމަށްފަހު ހުދު ކުލަ އަަރަންދެން ކެއްކުމަށްފަހު މަތި ޖަހާ އިތުރު 5 މިނަޓް ވަންދެން ކައްކާލާށެވެ. އޭރުން ހުންނާނީ ކުކުޅޫ މަސްގަނޑަށް މަޑު މުށި ކުލަ އަރާފައެވެ. ދެން އޭގެ ތެރެއަށް ފުށް އަޅާ 2 މިނެޓެއްހާއިރު ކެއްކުމަށްފަހު ކިރު އަޅާ އޮލަ ވަންދެން ކައްކާލާށެވެ. ރަނގަޅަށް އޮލަ ވުމުން އަސޭމިރުސް، ގަރަމް މަސާލާ، އިނގުރު ޕައުޑަރު އަދި ޗިލީ ފްލޭކްސް އެޅުމަށްފަހު މަސްގަނޑާ އެއްކޮށްލާށެވެ. ދެން ސޯޔާ ސޯސް އަދި ޗިލީ ސޯސް އަޅާ އެއް ކުރުމަށްފަހު އުނދުނުން ބާލަން ގާތް ވުމުން ޗީޒް ކޮޅު އެއްކޮށްލާށެވެ. އޭރުން މަސްގަނޑު ތައްޔާރުވީއެވެ.
ކުރިން ތައްޔާރު ކުރި ފުށްގަނޑު ރީތިކޮށް މޮޑެލުމަށްފަހު ގުޅަ ވަށާށެވެ. އެއަށް ފަހު ވެށި ގުޅަ ކުޑަކޮށް ފަތުރާލުމަށްފަހު މަސްގަނޑު އޭގެ ތެރެއަށް އަޅާ ރީތިކޮށް މަސްގަނޑު ނުފެންނަހެން ގުޅަ ބައްދާލާށެވެ. އަދި ރީއްޗަށް ގުޅަ ވެށުމަށްފަހު އަވަން ޓްރޭ އެއްގައި ދުރުދުރުގައި އަތުރާލާށެވެ. އަދި މަތި ބަންދު ކޮށް 10 މިނެޓް ބެހެއްޓުމަށްފަހު ގުޅައިގެ މަތީގައި ފިއްސެއްގެ އެހީގައި ބިސް އުނގުޅާލާށެވެ. އަދި ބޭނުންނަމަ މައްޗަށް ސެސަމީ ސީޑް ވެސް ބުރުވާ ލެވިދާނެއެވެ. އަވަން ހޫނު ކުރުމަށްފަހު 180 ޑިގްރީ ސެލްސިއަސް ގައި 20-25 މިނެޓް ވަންދެން ފިހެލާށެވެ. ފިހެ ނިމުމަށްފަހު ވެސް ޗިކަން ބަންގެ މަތީގައި ބިސް އުނގުޅާލުމުން އިތުރަށް ފުރިހަމަ ވެގެންދާނެއެވެ.