ބްރެޑް ރޯލަކީ ދިވެހިންގެ ސައި މޭޒުމަތިން ވަރަށް އާންމުކޮށް ފެންނަ ކާލަން ފަސޭހަ އަދި އެހާމެ ރަހަ މީރު ހެދިކާއެކެވެ. މިއީ ބަޖިޔާ ނުވަތަ ގުޅަ ފަދަ ތަކެއްޗާ ހިލާފަށް ފުށްގަނޑު މޮޑެން ނުޖެހި، ޕާން ބޭނުންކޮށްގެން ވަރަށް އަވަހަށް ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ. ކުކުޅު ނުވަތަ މަސް ބޭނުންކޮށްގެން ތައްޔާރުކުރާ މި ރޯލްތަކަކީ ބޭރުން ވަރަށް ކްރަންޗީ ކޮށް ހުންނަ އެއްޗެކެވެ.
ބޭނުންވާ ތަކެތި:
- 10-12 ފޮތި ޕާން (އަރިމަތި ކަނޑާފައި)
- 1 ދަަޅު މަސް
- 1 ފިޔާ (ހިމުންކޮށް ކޮށާފައި)
- 2 މިރުސް
- ކުޑަ ހިކަނދިފަތް ކޮޅެއް
- ކަރީ ޕައުޑާ
- ލޮނު އަދި ލިނބޯ ހުތް (ރަހަލާވަރަށް)
- 1 ބިސް
- ބްރެޑް ކްރަމްބްސް (ބޭރުގައި ހޭކުމަށް)
- ތެޔޮ
ތައްޔާރު ކުރާނެ ގޮތް:
މަސްގަނޑު ތައްޔާރުކުރުމަށް އެންމެ ފުރަތަމަ ތަށްޓަކަށް ފިޔާ، މިރުސް، ހިކަނދިފަތް، ލޮނު އަދި ލުނބޯހުތް އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އޭގެ ތެރެއަށް މަސްދަޅު އަޅައިގެން އެއްކޮށްލާށެވެ.
ޕާން ތައްޔާރުކުރުމަށް ޕާން ފޮތީގެ ހަތަރު އަރިމަތި ކަނޑާލުމަށްފަހު ކުޑަ ފެންފޮދެއްގެ ތެރެއަށް ޕާންފޮތި ގަންބާލާފައި ވަގުތުން ނަގާ ދެއަތްތިލަ މެދުގައި ބާރުކޮށްލައިގެން ފެންތައް ފިލުވާލާށެވެ. އެއަށްފަހު ފެންފިލުވާފައި ހުރި ޕާންފޮތީގެ މެދުގައި ތައްޔާރުކުރި މަސްގަނޑުން ސަމުސަލެއްހާ އެތިކޮޅެއް ބޭއްވުމަށްފަހު ޕާންފޮތި ރޯލެއްގެ ބައްޓަމަށް އޮޅާލާށެވެ. އޮޅާލާއިރު ހުރިހާ ފަރާތެއް ބަންދުވާނެހެން ބާރުކޮށްލަންވާނެއެވެ.
ތައްޔާރުކުރި ރޯލް ފުރަތަމަ ގަށާފައި ހުރި ބިސް ތަށީގެ ތެރެއަށް ލާ އެއަށްފަހު ބްރެޑް ކްރަމްބްސްގެ ތެރޭގައި ފުރޮޅާލާށެވެ. ދެން ތަވައަކަށް ތެޔޮ އަޅާ ހޫނުވުމުން ތައްޔާރުކުރި ރޯލްތައް ރަން މުށިކުލަ އަރަންދެން ތެލުލާށެވެ.
