ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ބެލުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު 16،219 ރުގިޔާ ދައްކަން އެ ކުއްޖާގެ ބައްޕަގެ މައްޗަށް ފެމިލީ ކޯޓުން އަމުރު ކޮށްފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ހަރަދު ދޭން ހުކުމްކުރި މީ ފުރަތަމަ ފަހަރުކަމަށްވާއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނަ މުއްދަތުގައި އެ އަދަދަށް ފައިސާ ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް ފެމިލީކޯޓުން އެ އަމުރު ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 89 ވަނަ މާއްދާގެ ށ ގެ 1 ވަނަ ނަންބަރުގެ ދަށުން ކުއްޖާގެ ބައްޕަގެ ރުހުމާއެކުގައެވެ.

ކުއްޖާގެ އެންމެހައި ހަރަދުތައް ކުއްޖާގެ ބައްޕަގެ ފަރާތުން ދައުލަތަށް ދެއްކުމަށް އެދި ދައުލަތުން ހުށަހެޅި މި މައްސަލާގައި ކުއްޖާ ބެލެހެއްޓުމަށް ހިނގާނެ ހަރަދު ކަނޑައަޅާފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓާފައިވާ ތަނުގައި ކުއްޖާ ހުންނަ މުއްދަތާއި ކެއުމުގެ ހަރަދާއި ކުއްޖާ ބަހައްޓާފައި ވާތަނުގެ ކަރަންޓް އަދި ފެނުގެ ހަރަދާއި ކުދިން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އެތަނުގައި މަސައްކަތް ކުރައްވާ ގުރުއާން މުދައްރިސުންގެ މުސާރައިން އެތަނުގައި މިވަގުތު ދިރިއުޅޭ ކުއްޖަކަށް ޖެހޭނެ މިންވަރަށް ކޯޓުން ރިއާޔަތް ކުރުމަށް ފަހުގައެވެ.

މީގެއިތުރުން ކުއްޖާގެ އަންނައުނާއި އެހެނިހެން ހަރަދުތަކުގެ ގޮތުގައި މަހެއްގެ މައްޗަށް ހޭދަ ކުރެވޭނެ މިންވަރުގެ އިތުރުން ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ކުއްޖާ ނަގަންޖެހޭ ތަފާތު ތެރަޕީތަކަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރަށް ވެސް އެ އަމުރު ކުރުމުގައި ކޯޓުން ރިއާޔަތް ކޮށްފައި ވެއެވެ.

ކުދިންގެ އަސާސީ ހަރަދުތައް ބެލެހެއްޓުމީ މައިންބަފައިންގެ އަސާސީ ޒިންމާއެއް ކަމަށްވުމާއެކު މައިންބަފައިން ދުނިޔޭގައި ތިބެ ކުއްޖާ ބަލަހައްޓަމުން ގެންދަނީ ގާނޫނުގެ ދަށުން ކަނޑައެޅޭ އެހެން ފަރާތަކުންކަމުގައިވާނަމަ ކުއްޖާ ބަލަހައްޓަމުން ގެންދާ ފަރާތަކާ ކުއްޖާގެ ހަރަދު ހަވާލުކުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 43 ވަނަ މާއްދާއިންވަނީ ލާޒިމް ކޮށްފައިވެއެވެ. އަދި ދަރިންނަށް ދޭންޖެހޭ ހަރަދު ދިނުމުގައި އިހުމާލު ވެއްޖެނަމަ މައިންބަފައިން ޒިންމާދާރު ކުރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމުގައިވެސް މި މާއްދާގައި ބަޔާން ކޮށްފައި ވެއެވެ.