ސިޔާސީ ފިކުރު ހުންނަ ގޮތަކުން ސަރުކާރުން އެއްވެސް ފަރާތަކަށް ވަޒީފާގެ ބިރެއް ނުދައްކާނެ ކަމަށާއި، ނަމަވެސް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ނުކުމެ، އެ ސިޔާސަތުތައް ގޯސްކޮށް ވާހަކަ ދައްކާ ނަމަ، ސިޔާސީ މަގާމުތައް އަދާކުރުމުގެ ބޭނުމެއް ނެތް ކަމަށް، ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، މި ސަރުކާރުން ސަރުކާރުގެ މަގާމުތަކުގައި ތިބި އެއްވެސް ފަރާތަކަށް ވަޒީފާގެ ބިރެއް ނުދައްކާނެ ކަމަށެވެ.

މިއުވާން ވިދާޅުވި ގޮތުގައި، ސިޔާސީ މަގާމުތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭފުޅުން އައްޔަނުކުރައްވައި، މަގާމުތަކުން ވަކިކުރައްވަނީ ގާނޫނުއަސާސީން ރައީސަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މަގާމުތަކަކީ ވަޒީފާގެ އެއްބަސްވުންތައް އެކުލަވާލައިގެން، ސިވިލް ސާވިސް މުވައްޒަފުން ހޯދާ ގޮތަށް މަގާމުތަކަށް މީހުން އިއުލާނުކޮށްގެން ނަގާފައިވާ މަގާމުތަކެއް ނޫނެވެ.

އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މަސައްކަތަކީ ރައީސްގެ ސިޔާސަތުތައް ތަންފީޒުކޮށް، ސަރުކާރުން ހަވާލުކުރާ މަސައްކަތްތައް ކުރުން ކަމަށް މިއުވާން ވިދާޅުވިއެވެ.

"މީގެ އަނެއް ކަމަކީ ހެނދުނު ނިކުމެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން އުޅެފަ، ރޭގަނޑު އެއް ފިކުރެއްގެ މީހުންނާ އެއްކޮށް ނުކުމެ، ހެނދުނު ތަންފީޒުކުރަން އުޅުނު ސިޔާސަތު ގޯސްކޮށް ވާހަކަ ދައްކާ ކަމަށްވާ ނަމަ، އެއް ގޮތުން ދަންނަވާނީ ސިޔާސީ ގޮތުން ލޯ ނުހުޅުވެނީއޭ، ނުވަތަ މަގާމުގަ އެ ބޭފުޅަކު ހުރުމުގެ ބޭނުން އެ ކެނޑެނީއޭ،"

އޭނާ ވިދާޅުވީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކޮށްގެން، ނުވަތަ ފަރުވާކުޑަކޮށްގެން، ނުވަތަ އެއްބަސްވުމާ ހިލާފުވެގެން ވަޒީފާ އިން ވަކިކޮށް ފިޔަވަޅު އެޅުމަކީ ސިޔާސީ ގޮތުން އަޅާ ފިޔަވަޅަކަށް ނުވާނެ ކަމަށެވެ.