އެސްޓީއޯއިން އެމްއޭސީއެލް އަށް ތެޔޮ ފޯރު ކޮށްދިނުމަށް ދެ ކުންފުނީގައި ދެމެދުގައި ވެފައިވާ އެއްބަސްވުން އާ ކޮށްފިއެވެ.

މިއަދު އެއްބަސްވުން އާ ކޮށްފައި ވާއިރު އެމްއޭސީއެލަށް އެއް އަހަރު ތެރޭ 1.5 މިލިއަން ފީފާގެ ޖެޓް ފިއުލް އާއި 88،000 ފީފާގެ ޑީސަލް އެސްޓީއޯ އިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ އެއްބަސް ވުމުގައި ސޮއި ކުރުމަށް ފަހު އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ، އެއްބަސްވުން އާ ކުރީ ތެޔޮ ފޯރުކޮށްދޭ ރޭޓު ބޮޑު ކުރުމަށްފަހު ކަމަށެވެ. ބޮޑުކުރި ރޭޓްގެ ތަފްސީލު ނުދެއްވި ނަމަވެސް ރޭޓުތަކަށް ބަދަލު ގެނެސްފައި ވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައިވާ ބަދަލު ތަކުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވިއެވެ.

އެއްބަސްވުންތަކަށް ބަދަލު ގެނައި ނަމަވެސް ރަނގަޅު ރޭޓެއްގައި އެސްޓީއޯ އިން ތެޔޮ ފޯރުކޮށްދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވިދާޅުވިއެވެ. އަދި 2018 ވަނަ އަހަރުން ފެށިގެންވެސް ތެޔޮ ގަންނަމުން ދިޔައީ އެސްޓީއޯ އިން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގިސްފައި ވާއިރު އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރުގެ މަގާމާ މިދިޔަ އަންގާރަ ދުވަހު ހަވާލުވެވަޑައިގެންނެވި އަބްދުﷲ ސައީދެވެ. އަދި އެމްއޭސީއެލް ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު އެވެ.