އިޒްރޭލުގެ ސިފައިން މަސްޖިދުލް އަގްސޯއަށް ވަދެ އެމިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުންދިނުން ދިވެހިރާއްޖޭގެ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

އިޒްރާއިލް ސިފައިންގެ އެ އަމަލުތައް ކުށްވެރިކޮށް ދިވެހިރާއްޖެއިން ނެރުނު ބަޔާނުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަން ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުން މިނިވަން އަދި މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާ ކަން ވަނީ ބަޔާންކޮށްފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ބަޔާނުގައި އިޒްރޭލުގެ ސިފައިންގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިތުރުން އދގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ ގަރާރުތަކާ ހިލާފު އަމަލުތަކެއްކަން ފާހަގަކޮށްފައިވެއެވެ. އަދި އެ ފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅޭކަމަށާއި މެދުއިރުމަތީގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭކަން ވެސް ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރަށް ސަރުކާރުގައި ބަޔާނުގައިވަނީ ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ލިބޭނީ 1967ގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ގާއިމުކުރެވިފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައެޅުމުން ކަމަށެވެ. އަދި މިނިވަން، މުސްތަގިއްލު ފަލަސްތީނެއް ގާއިމުކުރެވިގެންކަން ކަމަށެވެ.

ކޮންމެ އަހަރަކުވެސް އިޒްރާއިލްގެ ސިފައިން އަންނަނީ ފަލަސްތީނުގެ އެތައް މުސްލިމުނެއް މެރުމުގެ އިތުރުން އެކި ވަރުގެ އަނިޔާތައް ދީ މުސްލިމުންގެ އެންމެ މުގައްދަސް އެއް ބިނާ ކަމަށްވާ މަސްޖިދުލް އަގްސޯއަށް އެކި ވަރުގެ ގެއްލުން ދެމުންނެވެ.

އިޒްރޭލަކީ، 1967 ގައި ކުރި މެދުއިރުމަތީގެ ހަނގުރާމައަށް ފަހު ފަލަސްތީނުގެ ބިންތަކަށް ވެރިވަމުން ވެރިވަމުން ގޮސް ފަލަސްތީނުގެ ރައްޔިތުން ވަށާލައިގެން ތިބި ހުޅަނގާއި އެމެރިކާގެ މަދަދުގާރެކެވެ. ފަލަސްތީނުން މިނިވަން ދައުލަތެއް ގާއިމުކުރުމަށް މިވީހާތަކަށް ހުރަސް އަޅަމުން އައި ބަޔަކީވެސް އެއީއެވެ.