ކަސްބީ އަންހެނަކާ ކުރި މުއާމަލާތެއްގެ ކުށުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މައްޗަށް އުފުލި ދައުވާއަށް އޭނާ މިއަދު ކޯޓަށް ހާޒިރުވެވަޑައިގަތުމާ އެކު ހައްޔަރު ކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯކްގެ މެންހަޓަންގެ ކޯޓުގައި މިވަގުތު އަޑުއެހުމަށް ތައްޔާރުވެފައި ވާ އިރު އެމެރިކާގެ އިދާރާތަކުން ބުނެފައި ވަނީ ޓްރަމްޕް މިވަގުތު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ހަބަރުތައް ބުނާގޮތުން ޓްރަމްޕް ކޯޓަށް ހާޒިރުކޮށް ދައުވާ އިއްވުން މިއަދު ކުރިއަށް ދާނެއެވެ. އެއަށް ފަހު، އޭނާ އަނބުރާ ފްލޮރިޑާއަށް ވަޑައިގެން އެ ދައުވާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެއެވެ. އެކަންކަން ހިނގާނެ ކަމަށް ލަފާ ކުރާ ވަގުތުތައް ހަބަރުފަތުރާ އިދާރާތަކުން ހާމަކޮށްފައި ވީ ނަމަވެސް މިވަގުތު ޓްރަމްޕް ހުންނެވީ މެންހަޓަންގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ވީއައިޕީ ފެންވަރުގައި ވަރުގަދަ ސެކިއުރިޓީ އާ އެކު ޓްރަމްޕް ކޯޓަށް ހާޒިރު ކޮށްފައި ވާ އިރު އޭނާގެ މައްޗަށް އުފުލާފައި ވާ ދައުވާ އަކީ ކުރިން، ޕޯން ސްޓާ ނުވަތަ ބަރަހަނާ ފިލްމު ކުޅޭ ސްޓޯމީ ޑެނިއަލްސް އާ އެކު ބޭއްވި ގުުޅުންތައް ސިއްރު ކުރަން ފައިސާ ދިން މައްސަލަ ފެންމަތިކޮށް އުފުލާފައި ވާ ދައުވާ އެކެވެ. އެގުޅުން ސިއްރު ކުރަން އޭނާއަށް 130،000 އެމެރިކާ ޑޮލަރު ދިން ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އެމެރިކާގެ ރައީސެއްގެ މައްޗަށް ކުރާ ޖިނާއީ ފުރަތަމަ ދައުވާ ޓްރަމްޕްގެ މައްޗަށް އުފުލާފައި ވާ އިރު އޭނާ ގެންދަވަނީ އެ ދައުވާ އަށް އިންކާރު ކުރައްވަމުންނެވެ. ނަމަވެސް މިއަދު ކޯޓަށް ވަޑައިގަތީ އެ ދައުވާ އޭނާގެ މައްޗަށް އުފުލާ، ހައްޔަރު ކުރާނެ ކަމަށް ބެލެވޭތީ އަމިއްލަފުޅަށެވެ.

ރިޕަބްލިކަނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ ޓްރަމްޕް ކޯޓަށް ހާޒިރު ކުރާތީ، ނިއުޔޯކް ސިޓީގައިވެސް ވަނީ ސެކިއުރިޓީ ވަރުގަދަކޮށް ކޯޓު ސަރަހައްދު އެއްކޮށް ބަންދު ކޮށްފައެވެ. އެއާއެކުވެސް ޓްރަމްޕްގެ ސަޕޯޓަރުން ގެންދަނީ މަގުމަތީގައި މުޒާހަރާ ކުރަމުންނެވެ.

މިއަދު ކޯޓަށް ވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވީ، "ވައު ދޭ އާ ގޮއިންޓް އެރެސްޓް މީ" [އެމީހުން އެއުޅެނީ އަހަރެން ހައްޔަރު ކުރަން، ވައު] އެވެ.

އެމެރިކާގައި ޖިނާއީ ދައުވާތަކުގައި އާންމު ގޮތެއްގައި ހިނގަނީ ދެ މަގަކުންނެވެ. ފުރަތަމަ މަގަކީ، ދައުވާ އުފުލާ، ދައުވާ އިއްވުމަށް ފަހު ދައުވާ ލިބޭ ފަރާތުން ބެއިލް އަށް އެދޭނަމަ، ފަނޑިޔާރަށް ފެނިއްޖެ ނަމަ ބެއިލް ދިނުމާއި އަވަސް ނިޔާއެއް އިއްވަން ޖެހިއްޖެ ނަމަ މައްސަލަ ބަލާ ހުކުމަކާ ހަމައަށް ދިޔުމެވެ. ދެވަނަ މަގަކީ، އަވަސް ނިޔާއަކުން ހުކުމަކާ ހަމައަށް ދާން ނުފެންނަ ނަމަ މައްސަލަ ބޭރުކޮށްލުން ނުވަތަ ކުރިއަށް ދާން ފެންނަ ނަމަ ޝަރީއަތް ހިންގުމެވެ. އެއާއެކު ކުށްވެރިވާ ނަމަ ހުކުމާ ހަމައަށް ދާނެއެވެ.

ބައެއް ހަބަރުތައް ބުނާ ގޮތުން، ޓްރަމްޕާ ދެކޮޅަށް އޮތީ އެންމެ ދައުވާއެއް ނޫނެވެ. ވިޔަފާރީގައި މަކަރު ހެއްދުމާއި ޖިނާއީ އެކި މައްސަލަތަކާއި، ވެރިކަމުގެ ދެވަނަ ދައުރަކަށޤ ލީ ވޯޓުން ބަލިވެވަޑައިގަތުމުން ގާނޫނު ހަދާ މަޖިލީސް ކެޕިޓޮލް ހިލް އަށް އޭނާގެ އޯޑަރަށް ސަޕޯޓަރުން ވަން މައްސަލަތަކާއެކު ޖުމްލް 30 ދައުވާއެއް ތައްޔާރު ވެފައި އޮތް ކަމަށް ބުނެއެވެ. ނަމަވެސް އެ ދައުވާތަކުގެ ސީޣާ ސާފު ނުވާކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ޓްރަމްޕަކީ މިފަހުން އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ މިފަދަ ހާދިސާތައް ކުރިމަތިވެ ވަޑައިގެންފައިވާ ރައީސެވެ. އޭނާ އާ ދެކޮޅަށް ދައުވާ އުފުލާފައި ވާ މި ދަނޑިވަޅުގައި އޭނާ ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައި ކެމްޕެއިންވެސް ލޯންޗް ކުރައްވާފައެވެ.