އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސަރުކާރުގެ ސިއްރު މައުލޫމާތުތައް ނޫސްތަކަށް ލީކުކުރާ މީހުންނަށް އަދަބެއްގެ ގޮތުން އެ މީހުންގެ ގަޔަށް ބަޑިޖަހަން ޖެހޭ ކަމަށް ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް މިހެން ވިދާޅުވީ ނޮވެންބަރު 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓާމް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން އެރިޒޯނާގެ ބުލްހެޑް ސިޓީގައި ބޭއްވި އެއްވުމެއްގައެވެ. މި އެއްވުމުގައި އޭނާ ވަނީ އިންތިހާބުގައި ވޯޓުލުމަށް ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.

އެ އެއްވުމުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އޭނާއަށް ފެނިވަޑައިގަންނަވާ ގޮތުގައި މައުލޫމާތު ލީކުކުރާ މީހުންގެ ގަޔަށް ބަޑިޖަހަން ޖެހެއެވެ. އަދި ކުރީ ޒަމާނުގައި، ގައުމަކަށް ހަމަލާދޭން އުޅޭ ވަގުތު ލީކުކޮށްލާ މީހުންގެ ގަޔަށް ބަޑިޖަހާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މައުލޫމާތު ލީކުކުރާ މީހުންނަކީ ދުނިޔޭގައި ތިބި އެންމެ ނުބައި މީހުން ކަމަށް ސިފަކުރައްވައި، އެ މީހުންނާ މެދު ވަރަށް ހަރުކަށިކޮށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ މި ވާހަކަތަކަކީ 2025 ވަނަ އަހަރުގެ ޖޫން މަހު އިސްރާއީލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރެއިން، އެމެރިކާއިން އީރާނަށް ދިން ކުއްލި ހަމަލާ ކަމަށްވާ "އޮޕަރޭޝަން މިޑްނައިޓް ހެމަރ" އާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކެކެވެ. އެ ހަމަލާއަށް ފަހު، އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އޭޖެންސީގެ ރިޕޯޓެއްގެ މައުލޫމާތު ބައެއް މީޑިއާތަކުން ވަނީ އާންމުކޮށްފައެވެ.

އާންމުކޮށްފައި ނުވާ އެ ރިޕޯޓުގައިވާ ގޮތުން، އެމެރިކާއިން ބޮން އެޅި ސަރަހައްދުތަކުން އީރާނުގެ ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ބައެއް އެހެން ތަންތަނަށް ބަދަލުކުރުމަށް އީރާނަށް ވަނީ ފުރުސަތު ލިބިފައެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ލިބުނު ގެއްލުން، ޓްރަމްޕް ވިދާޅުވި ވަރަށް ވުރެ ކުޑަ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، ލީކުވި މައުލޫމާތުތަކުގެ ތެރޭގައި އެމެރިކާއިން ހަމަލާދޭން ހަމަޖެހިފައި އޮތް ވަގުތު ހިމެނެއެވެ. ނޫސްތަކުން އަސްކަރިއްޔާގެ މީހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް ތުހުމަތުކުރައްވައި، އޭނާ ވަނީ ހާއްސަކޮށް ނިއުޔޯކް ޓައިމްސް އަދި ސީއެންއެން އަށް ފާޑުވިދާޅުވެފައެވެ.

އެމެރިކާގެ ސިފައިން ފުރާ ވަގުތާއި މަންޒިލަށް ފޯރާނެ ވަގުތު ލީކުކޮށްލާފައިވާ ކަމަށާއި، އޭގެ ސަބަބުން ހަމަލާދިނުން ދެ ދުވަސް ފަހަށް ބަދަލުކުރަން ޖެހިވަޑައިގަތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެ މައުލޫމާތު ލީކުކުރި މީހުން އުމުރަށް ޖަލަށް ލާން ޖެހޭ ކަމަށް ނުވަތަ ގަޔަށް ބަޑިޖަހަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑިފެންސް އިންޓެލިޖެންސް އޭޖެންސީގެ ރިޕޯޓުގެ ބައިތައް އާންމުވުމާ ގުޅިގެން، ޓްރަމްޕް ވަނީ އެކަމުގެ ތުހުމަތު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ބޮލުގައި އަޅުއްވާފައެވެ. އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާގެ މައުލޫމާތު ލީކުކުރީ ޑިމޮކްރެޓުން ކަމަށާއި، އެ މީހުންގެ މައްޗަށް ދައުވާކުރަން ޖެހޭނެ ކަމަށް އޭރު ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި ވައިޓް ހައުސްއިން ވަނީ މައުލޫމާތު ލީކުކުރާ ފަރާތްތައް ހޯދުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން، ސަރުކާރުގެ މުވައްޒަފުންނާއި އަސްކަރިއްޔާގެ އޮފިސަރުން ޕޮލިގްރާފް ޓެސްޓު ހެދުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން، ނިއުޔޯކް ޓައިމްސް، ވޮޝިންޓަން ޕޯސްޓް އަދި ވޯލް ސްޓްރީޓް ޖާނަލް ފަދަ ނޫސްތަކުގެ ނޫސްވެރިންނަށް ވަނީ ސަބްޕީނާ ފޮނުވާފައެވެ. މިއީ އާންމުކޮށްފައިވާ އެތެރޭގެ މައުލޫމާތުތަކުގެ މަސްދަރު ހޯދުމުގެ ބޭނުމުގައި ކުރި ކަމެކެވެ. މި ނޫސްތަކުން ވަނީ އުތުރު ކޮރެއާގައި ނޭވީ ސީލްސްއިން ހިންގި ނާކާމިޔާބު އޮޕަރޭޝަނަކާއި، އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ދެކޮޅަށް ޕެންޓަގަންއިން ދިން އިންޒާރުތަކަށް ޓްރަމްޕް އިޖާބަނުދެއްވި ގޮތުގެ ރިޕޯޓުތައް ގެނެސްދީފައެވެ.

ފާއިތުވި އަހަރު، ޕެންޓަގަންއަށް ވަންނަން ބޭނުންވާ ނޫސްވެރިން، ހުއްދަ ނެތް މައުލޫމާތު އާންމުނުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ޑިޕާޓްމަންޓް އޮފް ޑިފެންސްއިން އެންގިއެވެ. ނަމަވެސް ޕެންޓަގަންގެ ގިނަ ނޫސްވެރިން އެކަމާ ދެކޮޅުހެދުމުން، ފެޑެރަލް ކޯޓަކުން ވަނީ އެ ނިންމުންތައް ބާތިލުކޮށްފައެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް މައުލޫމާތު ލީކުކުރާ މީހުންނާ ދެކޮޅަށް އޭނާ ވަނީ ހަރުކަށި އިބާރާތުން ވާހަކަދައްކަވާފައެވެ. ވައިޓް ހައުސްގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އެލިސާ ފަރާ ގްރިފިން 2024 ވަނަ އަހަރު ޕޮޑްކާސްޓެއްގައި ވިދާޅުވި ގޮތުގައި، 2020 ވަނަ އަހަރުގެ މުޒާހަރާތަކުގެ ތެރޭގައި ޓްރަމްޕް ވައިޓް ހައުސްގެ ބަންކަރެއްގައި ރައްކާތެރިކަން ހޯއްދެވި ހަބަރު ލީކުވުމުން، އެކަން ކުރި ބަޔަކު މަރާލުމަށް ޓްރަމްޕް ގޮވާލެއްވިއެވެ.

ނޮވެންބަރު 3 ގެ އިންތިހާބަށް ތިން ހަފުތާއަށް ވުރެ ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް، އެރިޒޯނާގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ މައުލޫމާތު ލީކުކުރާ މީހުންނާ މެދު ވަރަށް ހަރުކަށިކޮށް އަމަލުކުރަން ޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.