އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، އޮހާޔޯއާއި މިޝިގަންގައި އިއްޔެ ބޭއްވި ކެމްޕެއިން އެއްވުންތަކުގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އެމެރިކާގެ މެދުތެރޭގެ މި ދެ ސްޓޭޓުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކުރެއްވި ކެމްޕެއިންގައި، ޓްރަމްޕްގެ ރިޔާސީ ދެވަނަ ދައުރުގެ ތެރޭގައި ފެންނަމުންދާ ރަހުމުކުޑަކަމާއި ކޮރަޕްޝަނަށް އޮބާމާ ފާޑުވިދާޅުވިއެވެ.

އޮހާޔޯގައި އިއްޔެ ބޭއްވި މިޑްޓާމް އިންތިހާބުގެ ކެމްޕެއިން އެއްވުމުގައި ވާހަކަދައްކަވަމުން އުމުރުފުޅުން 65 އަހަރުގެ އޮބާމާ ވަނީ، އޭނާއަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ޓްރަމްޕްގެ ސަރުކާރުގެ އަމަލުތަކަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައެވެ. އޮބާމާ ވިދާޅުވި ގޮތުގައި، ޒަމާނީ ތާރީހެއްގައި މިހާތަނަށް ފެނިފައި ނުވާ ފަދަ ހަމަނުޖެހުމާއި، ރަހުމުކުޑަކަމާއި، ކޮރަޕްޝަނުގެ އިތުރުން ނާގާބިލުކަމުގެ ދެ އަހަރަށް ފަހު، އެކަންކަން ފުދިއްޖެ ކަމަށް ބުނުމުގެ ފުރުސަތު އޮހާޔޯގެ ރައްޔިތުންނަށް މިހާރު ވަނީ ލިބިފައެވެ. އެހެންކަމުން، ރިޕަބްލިކަން ޕާޓީގެ ސަރުކާރާ ދެކޮޅަށް ވޯޓު ދިނުމަށް އޮބާމާ އެ ސްޓޭޓުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އޮހާޔޯގެ ކްލީވްލޭންޑްގައި އިއްޔެ ވާހަކަދައްކަވަމުން އޮބާމާ ވަނީ ޓްރަމްޕްގެ ހާރިޖީ ސިޔާސަތުތަކަށް ވެސް ބޮޑެތި ފާޑުވިދާޅުވުންތަކެއް އަމާޒުކުރައްވާފައެވެ. އޮބާމާ ވިދާޅުވީ، މިހާރު ހުންނެވި ރައީސް އިހުތިޔާރުކުރެއްވީ ގޯސް ނިންމުންތަކެއް ނިންމެވުމަށް ކަމަށެވެ. އަދި އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ، އެއްވެސް ބަޔަކު ނޭދޭ އަދި ކޮންމެހެން ކުރަން ނުޖެހޭ ހަނގުރާމައެއް ފެއްޓެވުމަށް ޓްރަމްޕް ނިންމެވުން ކަމަށް، އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައަށް އިޝާރާތްކުރައްވައި އޮބާމާ ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާންގެ މައްޗަށް ކާމިޔާބީ ހޯދި ކަމަށް ޓްރަމްޕްގެ ސަރުކާރުން ކުރާ ދައުވާތަކަށް ވެސް އޮބާމާ މަލާމާތްކުރެއްވިއެވެ. އޮބާމާ ވިދާޅުވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރަށް ހަމަލާދޭނެ ކަމަށް އީރާންއިން ދެމުންދާ އިންޒާރުތަކުގެ ސަބަބުން ތެޔޮ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ. އަދި މި ހަނގުރާމައިގެ ސަބަބުން އިގުތިސާދީ ގޮތުން އީރާންއަށް އިތުރު ބާރުވެރިކަމެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންކުރާ ހޮރުމުޒް ކަނޑުއޮޅިގެ މައްޗަށް އީރާންއަށް މިހާރު ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ކަމަށް އޮބާމާ ވިދާޅުވިއެވެ. ޓްރަމްޕްގެ ހާރިޖީ ނިންމުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ކުރިމަތިވެފައިވާ މި ހުރަސްތަކަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ނަތީޖާ ކަމަށް އޮބާމާ ފާހަގަކުރެއްވިއެވެ.

އޮހާޔޯގެ ގަވަރުނަރުކަމުގެ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ވިވެކް ރާމަސްވާމީ، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އޭމީ އެކްޓަންއާ ދެކޮޅަށް ނެރުއްވި އިޝްތިހާރަކާ ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ވެސް އިއްޔެ އޮބާމާ އަލިއަޅުއްވާލެއްވިއެވެ. ރާމަސްވާމީއަށް އިޝާރާތްކުރައްވައި އޮބާމާ ވިދާޅުވީ، އޭނާ ހުރަސް ނުކުރައްވާނެ އެއްވެސް ރޮނގެއް އަދި ނުވެއްޓޭނެ ދަށު ދަރަޖައެއް ނެތްކަން ފާއިތުވި ދުވަސްތަކުގައި ފެނިފައިވާ ކަމަށެވެ. އަދި އެފަދަ އިޝްތިހާރެއް މީހަކަށް ދެއްކޭ ވަރަށް އަހުލާގީ މިންގަނޑުތައް ދަށަށް ދިޔައީ ކީއްވެގެންކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޮބާމާ ވިދާޅުވިއެވެ. އެ އިޝްތިހާރުގައި އެކްޓަންގެ މަންމަ، ޑޯނާ އާތާ ވަނީ، ކުޑައިރު ގެދޮރު ގެއްލުމާއި ދޮންބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް އެކްޓަން ދައްކަވާ ވާހަކަތައް ދޮގުކޮށް، އެކްޓަންއަށް ވޯޓު ނުދިނުމަށް އޮހާޔޯގެ ރައްޔިތުންގެ ކިބައިން އެދިފައެވެ.

އެކްޓަން ވިދާޅުވި ގޮތުގައި، 1978 ވަނަ އަހަރުގެ ފަހުން އޭނާގެ މަންމައާ ބައްދަލުވެފައެއް ނުވެއެވެ. އަދި ކުޑައިރު ދޮންބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް އެކްޓަން ދައްކަވާ ވާހަކަތަކަށް އޭނާގެ ބޭބެ ވަނީ ތާއީދުކޮށްފައެވެ. 2004 ވަނަ އަހަރު މަރުވި އެ ދޮންބައްޕަގެ މައްޗަށް ރޭޕްކުރުމުގެ ދައުވާ ވެސް އުފުލުނެވެ. އިއްޔެގެ އެއްވުމުގައި އެކްޓަންއާއި އޮހާޔޯގެ ކުރީގެ ޑިމޮކްރެޓިކް ސެނެޓަރު ޝެރޮޑް ބްރައުންއާ އެކު އެއް ސްޓޭޖެއްގައި ހުންނަވައި، އޮބާމާ ވަނީ އެކްޓަންއަށް ތާއީދުކުރައްވާފައެވެ. އޮބާމާ ވިދާޅުވީ، ކުޑައިރު ތަހައްމަލުކުރެއްވި ވޭންދެނިވި ދިރިއުޅުމާއި، އަނިޔާއާއި، އިހުމާލުވުމުގެ އިތުރުން ގެދޮރު ގެއްލުމުގެ ތަޖުރިބާތަކާ ބެހޭ ގޮތުން އެކްޓަން އަސަރާ އެކު ވާހަކަދައްކަވާފައިވާ ކަމަށެވެ. ނަމަވެސް، އިއްޔެ ފްލޮރިޑާގައި ކުރިއަށް ވޯޓު ލެއްވުމަށް ފަހު ޓްރަމްޕް ވަނީ ރާމަސްވާމީގެ އެ އިޝްތިހާރު ދިފާއުކުރައްވާފައެވެ.

އޮހާޔޯގެ އެއްވުމަށް ފަހު އިއްޔެ ހަވީރު އޮބާމާ ވަނީ މިޝިގަންއަށް ވަޑައިގެން، ސެނެޓަށް ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލް އެލް-ސައްޔިދުއާއި ގަވަރުނަރުކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޮސްލިން ބެންސަންއަށް ތާއީދު ހޯއްދެވުމަށް ކެމްޕެއިން ކުރައްވާފައެވެ. ޑިޓްރޮއިޓްގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އޮބާމާ ވަނީ، ނޮވެންބަރު 3 ގައި ބާއްވާ އިންތިހާބަކީ ޓްރަމްޕްގެ ވެރިކަމުގެ ބައެއް ނޭދެވޭ ކަންކަން ހުއްޓުވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޮބާމާ ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން މިފަދަ ގޮތަކަށް ނާޖާއިޒު މަންފާ ހޯއްދެވުމަށް ފަރިތަ، އަދި މަންފާތައް ވިއްކެވުމަށް މިހާ ބޮޑަށް މަސައްކަތްކުރައްވާ ރައީސަކު ދުވަހަކުވެސް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ރިޕަބްލިކަން ޕާޓީ އޮތީ ކޮރަޕްޓް ސަރުކާރަކަށް، ނުވަތަ ނާގާބިލު ސަރުކާރަކަށް، ނުވަތަ އެއްވެސް ސަރުކާރެއް ނެތުމަށް ތާއީދުކުރާ ހާލަތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑިޓްރޮއިޓްގެ އެއްވުމުގައި އޮބާމާ ވަނީ އުމުރުފުޅުން 41 އަހަރުގެ ސިޔާސީ ބޭފުޅެއް ކަމަށްވާ އެލް-ސައްޔިދަށް ފާޑުކިޔާ ފަރާތްތައް ކުށްވެރިކުރައްވާފައެވެ. އޮބާމާ ވިދާޅުވި ގޮތުގައި، ފާޑުކިޔާ ފަރާތްތަކުން މަސައްކަތްކުރަނީ އެލް-ސައްޔިދުގެ ނަންފުޅާއި އޭނާއަކީ މުސްލިމަކަށް ވުން ބޭނުންކޮށްގެން އޭނާ ވައްޓާލުމަށެވެ. މީގެ ކުރިން ވެސް އެ މަންޒަރު ފެނިފައިވާ ކަމަށާއި، އޭނާ އަމިއްލަފުޅަށް ވެސް އެކަން ތަޖުރިބާކުރެއްވި ކަމަށާއި، އެކަން ސާބިތުކޮށްދިނުމަށް އުފަންދުވަހުގެ ދިގު ސެޓްފިކެޓެއް ވެސް އޭނާގެ އަތްޕުޅުގައި އެބައޮތް ކަމަށް އޮބާމާ ވިދާޅުވިއެވެ. އަދި އެލް-ސައްޔިދަކީ ހުރިހާ ގޮތަކުން ވެސް މިޝިގަންގެ ބޭފުޅެއް ކަމަށާއި، އޭނާއަކީ ހައްދުފަހަނައަޅާފައިވާ ބޭފުޅެއް ކަމަށް ބުނާ ބުނުންތަކަށް ރައްދުދެއްވައި، އެލް-ސައްޔިދު ގަބޫލުކުރައްވަނީ އޭނާ ވެސް ގަބޫލުކުރައްވާ އަސާސްތައް ކަމަށް އޮބާމާ ވިދާޅުވިއެވެ.

ވައިޓް ހައުސްއިން ވަކިވެވަޑައިގެންނެވިތާ ގާތްގަނޑަކަށް ދިހަ އަހަރު ފަހުން ވެސް، ޑިމޮކްރެޓިކް ޕާޓީއަށް ތާއީދު ހޯއްދަވައިދެއްވުމުގައި އެންމެ ނުފޫޒުގަދަ ބޭފުޅަކީ އޮބާމާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ. ނޮވެންބަރު 3 ގައި ބާއްވާ އިންތިހާބުގެ ފަހު ދުވަސްތަކުގައި އޮބާމާ އެކި ސްޓޭޓުތަކަށް ދަތުރުކުރައްވަމުން ގެންދަވާއިރު، މި އިންތިހާބަކީ އެމެރިކާގެ ސިޔާސީ ބާރުވެރިކަން އޮންނާނެ ގޮތް ކަނޑައެޅުމަށް އެހީތެރިވެދޭނެ އިންތިހާބެކެވެ. އަންނަ ހަފުތާގައި ޖޯޖިއާގައި ބާއްވާ ޑިމޮކްރެޓިކް ޕާޓީގެ އެއްވުމެއްގައި، ސެނެޓަރު ޖޮން އޮސޯފްއާއި ގަވަރުނަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ކީޝާ ލޭންސް ބޮޓަމްސްއާ އެކު އޮބާމާ ބައިވެރިވެވަޑައިގަންނަވާނެއެވެ. ޓްރަމްޕް ވަނީ އިއްޔެ ޖޯޖިއާގައި ވާހަކަދައްކަވާފައެވެ.