އެކައުންޓެންޓް ޖެނެރަލްގެ މަގާމު އުފައްދާ އެ މަގާމަށް މުހައްމަދު އަޒާދު އައްޔަން ކޮށްފިއެވެ.
އަޒާދު މި މަގާމަށް އައްޔަން ކޮށްފައި ވާއިރު މި މަގާމަކީ އެންމެ ފަހުން ދައުލަތުގެ މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އުފައްދާފައިވާ މަގާމެކެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 44 ވަނަ މާއްދާއަށް ގެނައި އިސްލާހާއެކު އެ މާއްދާގައިއި ވަނީ ދައުލަތުގެ ފައިސާއާއި ހިސާބުގެ އިތުރުން ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ބެލެހައްޓުމަށާއި ހިންގުމަށް ފިނޭންސް މިނިސްޓްރީގައި އެކައުންޓަންޓް ޖެނެރަލް އެއް ހުންނަން ވާނެ ކަމަށެވެ.
އިސްލާހު ގެނައުމުގެ ކުރިން އެ މާއްދާގައި ބުނެފައި ވަނީ ފައިނޭންޝަލް ކޮންޓްރޯލަރުގެ ނަމުގައި މަގާމެއް އުފައްދައި އެމަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެ ކަމުގައެވެ.
ދައުލަތުގެ ފައިސާއާއި، ހިސާބުގެ އިތުރުން ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ބެލެހެއްޓުމާއި ހިންގުމަކީ އެކައުންޓެންޓް ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދާ ކުރައްވަން ޖެހޭ މަސްއޫލިއްޔަތު ތަކެވެ. މީގެ އިތުރުން ދައުލަތުގެ ފައިސާ ހޭދަކުރަނީ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންތޯ ބެލުމަކީވެސް އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާއެކެވެ.
އަޒާދަކީ މި މަގާމަށް އައްޔަންކުރުމުގެ ފިނޭންސް މިނިސްޓްރީގަައި ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމު އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ.