ރޭ މާލޭގައި ބާރު ސްޕީޑެއްގައި މީހަކު ދުއްވި ސައިކަލެއް އެކްސިޑެންޓު ވެއްޖެއެވެ.

ފުލުހުން ބުނީ މާލޭ ގަޑި ބުރު ކައިރިން ގޮސް ނަލަހިޔާ ހޮޓަލާ ދިމާލަށް ބާރު ސްޕީޑެއްގައި މީހަކު ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑު ކުރަން އެންގުމުންވެސް މަޑު ނުކޮށް ދަނިކޮށް އިތުރު 2 ސައިކަލެެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެކްސިޑެންޓް ވުމުންވެސް މަޑުނުކޮށް ސައިކަލް ކުރިއަށް ދާން މަސައްކަތް ކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުން ސައިކަލުގައި ތިބި ދެ މީހުންވެސް ފުލުހުން ހައްޔަރު ކޮށްފައިވާ ކަަމަށެވެ.

އަދި ސައިކަލް ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރޭ ދަންވަރު 01:03 ހާއިރު ހިނގި މިހާދިސާ ފެނުނީ މާލެ ތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ކަމަށް ބުންޏެވެ.

ދާދި ފަހުން އެކްސިޑެންޓް ތައް އިތުރުވެފައި ދާއިރު އިއްޔެގެ ވަގުތެއްގައި ވެސް ދެ އެކްސިޑެންޓް ހުޅުމާލޭގައި ހިނގާ އެކެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި ރޭގެ ވަގުތެއްގައި ބްރިޖް މަތީގައި ބަހަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.