ސިނަމާލެ ބްރިޖްގައި އެމްޓީސީސީގެ އާރުޓީއެލް ބަހަކާއި ކާރެއް މިރޭ އެކްސިޑެންޓުވެ، ހުޅުމާލެ އަށް ދަތުރުކުރާ ލޭނުގެ އެއް ފަޅި ބަންދުކުރުމުން ބްރިޖްގެ ޓްރެފިކް ފްލޯ އަށް ބުރޫ އަރައިފިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެމްޓީސީސީގެ ބަހެއްގައި ކަޅު ކުލައިގެ ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކާރުގެ ކުރިމަތި ފަޅި އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ނަމަވެސް އެ އެކްސިޑެންޓުގައި ބަހަކަށް މާ ބޮޑު ގެއްލުމެއް ލިބުނު ކަމެއްކަން އެ ވީޑިއޯ އިން ސާފެއް ނޫނެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ. އެ ސަރަހައްދުގައި ތިބި ޓްރެފިކް ބަލަހައްޓާ ފުލުހުން، ހުޅުމާލެ އަށް ދާ ލޭނުގެ އަނެއް ފަޅިން ދަތުރުކުރުމަށް އިރުޝާދު ދެމުންދާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.

އެ ވީޑިއޯ އިން ފެންނަ މަންޒަރުތަކަށް ބަލާލާއިރު، އެ ސަރަހައްދުގައި އުޅަނދުފަހަރު ހުރީ ތޮއްޖެހިފައެވެ.

އެ އެކްސިޑެންޓާ ގުޅިގެން މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ކާރަކާއި ބަހެއް ޖެހި، ސިނަމާލެ ބްރިޖް މަތީގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 10 ޖަހަން ގާތްވެފައި ވަނިކޮށް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދެ އެކްސިޑެންޓެއް ހިނގާފައިވެއެވެ. އޭގެ ތެރެއިން އެއް އެކްސިޑެންޓު ރޭ ދަންވަރު ހިނގާފައިވާއިރު، ދެވަނަ އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދުނު 10 ޖަހާކަން ހާއިރެވެ. އޭގެ ތެރެއިން ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިޔަސްވުމުން އޭނާ އަށް އޭޑީކޭގައި ފަރުވާ ދެމުން ގެންދާއިރު، މިއަދު ހިނގި އެކްސިޑެންޓުގައި މީހަކު ވަނީ މަރުވެފައެވެ.