އަފްގާނިސްތާނުގެ އުތުރު ބިތުގައި ހުސް އަންހެނުން ހިންގައި 'ސަދާއީ ބަނޯވާން' ރޭޑިއޯ ސްޓޭޝަންގައި މިއުޒިކް ޖެހުމުގެ ސަބަބުން ތަން ބަންދު ކުރުވައިފިއެވެ.

އަފްގާނިސްތާންގައި މިހާރު އޮތް ތޯލިބާން ސަރުކާރުން އެގައުމުގެ އަންހެންވެރިންނާ މެދު ހިންގާ އިންސާނި ހައްގުތަކާ ހިލާފު ކަންކަމުގެ ތެރެއިން، ރޭޑިއޯ ސްޓޭޝަން ބަންދު ކުރީ ރަމަޟާން މަހު މިއުޒިކް ޖެހި ކަމަށް ބުނެއެވެ.

މީގެ 10 އަހަރު ކުރިންސުރެ ފެށިގެން ދާރީ ބަހުން ހިންގަމުން އަންނަ އެ ސްޓޭޝަނަކީ ބޮޑަށް އެފްއެފް ސްޓޭޝަންތައް ހިންގާ ގޮތަށް އާންމުންނަށް އަމާޒު މައްސުނި މައުލޫމާތު ގެނެސްދޭ ސްޓޭޝަނެކެވެ.

އެ ސްޓޭޝަން ހިމެނޭހެން ބަދަކްޝާންގެ އިހުތިސޯސް ގެ ތެރޭގައި މިއުޒިކް ޖެހުމަކީ މަނާކަމެއް ކަމަށާއި އެއީ އަފްގާނިސްތާނުގައި އޮތް އިސްލާމީ ވެރިކަމުގެ އުސޫލުތަކާ ހިލާފުކަމެއް ކަމަށް އެ ސަރަހައްދުގައި ހުންނަވާ އިންފޮމޭޝަން މިނިސްޓަރު މޮއިޒުއްދީން އަހްމަދީ އާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އެ ސްޓޭޝަނުން އެތައް ފަހަރަކު ލަވަޔާއި މިއުޒިކް ދުރައް ފޮނުވާފައި ވާ ކަމަށާއި، އެކަން ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ސްޓޭޝަން އަލުން ހުޅުވުމުގެ ހުއްދަ ދެއްވާނެ ކަމަށެވެ.

މިކަމާ ގުޅިގެން އެ ސްޓޭޝަންގެ ހެޑް ނަޖިއާ ސޮރޯސް ބުނީ، އެ ސްޓޭޝަނުން މިއުޒިކް ނުޖަހާ ކަމަށާއި އެއްވެސް އުސޫލަކާއި ހިލާފުވެފައި ނުވާނެ ކަމަށެވެ. އަދި އެތަން ބަންދުކޮށްގެން އުޅެނީ އެމީހުންނާ ދެކޮޅު ރޭވުމެއްގެ ދަށުން ކަމަށެވެ.

އަފްގާނިސްތާންގެ ވެރިން އޮގަސްޓް 2021 ގައި ތޯލިބާން އަތުލިފަހުން އެތައް ބައިވަރު ނޫސްވެރިންނެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އެތައް މީޑިއާ އައުތްލެޓްތަކެއް ވަނީ ބަންދުކޮށްފައެވެ. ތޯލިބާނުންގެ އުސޫލުތަކަށް ބޯނުލަނބާ އެތައް ނުސްވެރިންނެއް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން އެގައުމުގެ އަންހެނުން، ތައުލީމު އުނގެނުމުން މަހުރޫމް ކުރުމާއި ވަޒީފާ އަދާކުރުމުންވެސް މިހާރު ވަނީ މަހުރޫމް ކޮށްފައެވެ. ނަމަވެސް ގްރޭޑް 6 އާ ހަމައަށް ކިޔުވުމުގެ ފުރުސަތު ބައެއް ސިޓީތަކުގައި ލިބެއެވެ.

އަފްގާނިސްތާނުގެ ވެރިކަން ކުރާ ތޯލިބާނުންނަކީ ހަރުކަށި ވިސްނުމުގެ ބައެއް ނަމަވެސް މިހާތަނަށް އެގަމުގައި ރަސްމީކޮށް މިއުޒިކް މަނާ ކޮށްފައެއް ނުވެއެވެ.