ހދ. ނޮޅިވަރަމް މީހަކު ފެނިއްޖެނަމަ ބިލެތް ބޮނޑިއަށް ގޮވާ، ޖެއްސުންކޮށް ހަދާ ވާހަކަތަކަކީ އާ ވާހަކަތަކެއްވެސް ނޫނެވެ. އާބާދީގައި 2800 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ 221.10 ހެކްޓަރު ހުންނަ އެ ރަށް މަޝްހޫރު ވެފައި ވަނީ ގިނަ އަދަދަކަށް ބިލެތް ހައްދާ ރަށެއްގެ ގޮތުގައެވެ. ކާބަފައިންގެ ޒަމާނުގައި ބިލެއް ހައްދާ، ވިއްކުމަކީ އެރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރި މައިގަނޑު މަސައްކަތެވެ. ބިލެތުގެ ނަމުން މަޝްހޫރުވެފައި ވީ ނަމަވެސް ނޮޅިވަރަމަކީ ގިނަ އާސާރީ ބިނާތަކެއް ވެސް ހުރި ތާރީހީ ރަށެކެެވެ.

ގުދުރަތީ ރީތިކަން ލިބިފައިވާ ނޮޅިވަރަމް އިތުރަށް ފުރިހަމަކޮށްދެނީ އެ ރަށުގެ ދޮންވެލި ގޮނޑުދޮށާއި ހިތްގައިމު ރީތި ކުޅިން ކަމީ ދެބަސްވުމެއްވެސް ނެތް ހަގީގަތެކެވެ. ކުޅީގެ ރީތިކަން ބަލާލުމަށާއި އެތަނުގައި އުޅޭ މަސް (ބޭންގް) ހިފުމަށް ރަށުގެ ރައްޔިތުންގެ އިތުރުން އެހެން ރަށްތަކުގެ މީހުން ވެސް ޒިޔާރަތްކޮށް ހަދައެވެ.

ނޮޅިވަރަމްގެ މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ މެންބަރު އަދި މީޑިއާ ކޯޑިނޭޓަރު މުހައްމަދު މުސްތަފާ ހުސައިން ވިދާޅުވީ ކާބަފައިންގެ ޒަމާނުގައި އާމްދަނީ ހޯދުމަށް ނޮޅިވަރަމްގެ މީހުން މައިގަނޑު ގޮތެއްގައި ތިން ހަތަރު މަސައްކަތެއް ކުރަމުން ދިޔަ ކަމަށާއި އެގޮތުން އެ ދުވަސްވަރު މައިގަނޑު، ކޮށްއުޅުނު މަސައްކަތްތަކުގެ ތެރޭގައި ބިލެތް ހެއްދުމަކީ ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށެވެ.

ނޮޅިވަރަމްގެ މަތިން ނަގާފައިވާ ފޮޓޮއެއް / ފޮޓޯ: އާދަމް އަޒްމީލް

އެ ދުވަސްވަރު ބިލެތް ހައްދާފައި ވަނީ އެއްވެސް ކަހަލަ ބޭހުގެ ބާވަތެއް ބޭނުން ކުރުމަކާ ނުލާކަން ފާހަގަކުރައްވާ މުސްތަފާ ވިދާޅުވީ ކާބަފައިންގެ ޒަމާނުގައި ބިލެތް ހައްދާފައި ވަނީ ކަނދު، ޅޮސް ނުވަތަ ރުކެއްގެ ބުޑުގައި ބިލެތް ކުރިއެއް އިންދައިގެން ރޯކުރުމަށް ފަހު ދުވާލުގެ ދެއިރަށް (ހަވީރާއި ހެނދުނާ) ފެންޖަހައިގެން ކަމަށެވެ.

ނޮޅިވަރަމުގައި ބޮޑެތި ބިންތަކުން ފެށިގެން ގޮސް ކުދި ބިންތަކުގައި ވެސް ބިލެތް ހައްދާފައި ހުރެއެވެ. އެގޮތުން ބަލާއިރު 5000 އަކަފޫޓުގެ ބޮޑެތި ބިންތަކުން ފެށިގެން ގޮސް 10 ވަރަކަށް ޅޮސް ނުވަތަ ކަނދު ގަސް ހެއްދޭ ވަރު ބިންތަކުގައިވެސް ބިލެތް ހައްދާފައި ވެއެވެ. މިގޮތަށް ބިލެތް ހައްދާފައި އޮންނަ ސަރަހައްދުތަކަށް 'ބިލެތްތެރެއޭ' ކިޔާ އުޅެއެވެ. ކުރިއެކޭވެސް އެއްގޮތަށް މިހާރު ވެސް އެ ރަށުގައި ވަލުތެރޭގެ އިތުރުން ގޭގޭގައިވެސް ބިލެތް ހައްދާފައި އެބަހުއްޓެވެ. މިކަމާ ގުޅިގެން މުސްތަފާ ވިދާޅުވީ ކުރީގަ ގޯތި ދިނުމުގައި ވެސް އެކަން ކޮށްފައި ހުރީ ބިލެތް ހެއްދޭނެ ގޮތަށް ކަމަށާއި ޖުމްލަ ގޮތެއްގައި އެ ރަށުގެ ކޮންމެ ރައްޔިތަކަށް ވެސް 5000 އަކަފޫޓުގެ ގޯއްޗެއް އޭރުގައި ދީފަ ހުރިއިރު އެ ގޯތީގައި ގެއެއް އެޅުމަށް ފަހު ވެސް ބިލެތްތެރެއެއް ހައްދާނެ ޖާގަ އޮންނަ ކަމަށެވެ.

ނޮޅިވަރަމް މީހަކު ބިލެތް ނައްޓުވަނީ/ ފޮޓޯ: އާދަމް އަޒްމީލް

މައިގަނޑު ދަނޑުވެރިކަމުގެ ބާވަތެއްގެ ގޮތުން ބިލެތް ހެއްދި އެ ރަށަކީ މާލެއާ ގާތްގަނޑަކަށް 280 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެއް ނަމަވެސް ރިޔާ ނަގާއިގެން ދަތުރުކުރި ޒަމާނުގައިވެސް އެ ރަށުގައި ހައްދާ ބިލެތް ވަނީ މާލެ މާރުކޭޓަށް ގެނެސް ވިއްކާފައެވެ. މުސްތަފާ ވިދާޅުވި ގޮތުގައި އެ ދުވަސްވަރު ވެސް މާލޭގެ މާރުކޭޓަށް ގެންދާ އެންމެ ތާޒާ އަދި އެންމެ ގިނަ ދުވަހަށް ދެމި ހުންނަ ބިލެތަކީ ނޮޅިވަރަމް ބިލެެތް ކަމަށެވެ. އަދި ނޮޅިވަރަމް ބިލެތުގެ ރަށެއްގެ ގޮތުގައި މަޝްހޫރުވެފައި ވަނީ ކާބަފައިންގެ މިންނެތް ބުރަ މަސައްކަތުން ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

އެކިއެކި ތަދުތަކާއި ކާނާގެ ދަތިތައް ރާއްޖެއަށް ކުރިމަތިވި ދުވަސްވަރުގައި ވެސް އެ ރަށުގެ ވަލުންނާއި ދަނޑުތަކުން ކާބޯތަކެތި ލިބެން ހުރިއިރު އެ ސަރަހައްދުގެ އެކި ރަށް ރަށުގެ މީހުންވަނީ އެ ރަށުން ބަނބުކެޔޮ، ކަނޑޫ، ކަށިކެޔޮ ފަދަ ކާބޯތަކެތި ގެންގޮސްފައެވެ.

ބިލެތުގެ ނަން އެ ރަށަށް ލިބުނު ދުވަސްވަރާ އަޅާ ބަލާއިރު ބިލެތް ހައްދާ މިންވަރު މިހާރު އެރަށުގައި މަދެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި މުސްތަފާ ފާހަގަ ކުރައްވާފައި ވަނީ މިހާރުގެ ޒަމާނީ ގެތައް އެޅުމުގައި ގިނަ އަދަދެއްގެ ރުއް ގަސްތައް ކެނޑުމެވެ. އަދި އާމްދަނީ ހޯދޭނެ އިތުރު ދޮރުތައް ހުޅުވިގެން ދިއުމާއެކު އޭރު އާމްދަނީ ހޯދަން ބިލެތް ހެއްދި ސަގާފަތް މަޑުމަޑުން ދަނީ ކަަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

މިހާރު ކުރިއާ އަޅާބަލާއިރު ބިލެތް ހައްދާ މިންވަރު މަދު ނަމަވެސް މިހާރުވެސް ބޭސް އަޅައިގެންވެސް ބިލެތް ހައްދާ ކަމަށާއި އެގޮތުން ކުރިއެކޭވެސް އެއްފަދައިން މަގަކުން ދިޔަޔަސް ނުވަތަ ވަލުތެރޭގައި ހުންނަ ޅޮސް ގަސް ގަހުން ވެސް ބިލެތް ފެންނާނެ ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފުރަތަމަ މީހުން އާބާދުވީ ރަށްތަކުގެ ތެރޭގައި ނޮޅިވަރަމް ހިމެނޭއިރު އެ ރަށުގައި ގިނަ ތާރީހީ ބިނާތަކެއްވެސް އެބަ ހުއްޓެވެ. އެގޮތުން ބަލާއިރު ހެރިޓޭޖް މިނިސްޓްރީއިން ގަބޫލު ކުރާ 4 ބިނާއެއް އެ ރަށުގައި ހުރެއެވެ.

ބާ ހުކުރު މިސްކިތް

ނޮޅިވަރަމް ބާ ހުކުރު މިސްކިތަކީ މުސްތަފާ ފާހަގަކުރެއްވި ގޮތުގައި ވަރަށް ރީތި ފަރުމާއަކަށް ބިނާކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތުން ކާބަފައިންގެ ޒަމާނުގެ އަތްތެރި މަސައްކަތް ވަރަށް ރީއްޗަށް ފެނިގެންދެއެެވެ. އެ މިސްކިތުގެ ފާރުތައް ހިރިގަލުން ކަނޑާ ކޮނެ ނަގާ ހަދާފައި ހުރިއިރު އެ މިސްކިތުގެ ބެރިތަކުގައި ވަނީ ލިޔެލާޖަހާފައެވެ. ގިނަ ދުވަސްތަކެއް ވެފައިވާ އެ މިސްކިތައް ވެފައިވަނީ ކިހާ ދުވަހެއް ކަމެއް ވިދާޅުވާން ދަތި ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ބާ ހުކުރު މިސްކިތް/ ފޮޓޯ: އާދަމް ހަލީމް

މުށިމަސް ޒިޔާރާތް

މުށިމަސް ޒިޔާރާތަކީ ލައިގެންކާއެއްޗެ ލިބުމަށް ދަތިވުމުން ނުވަތަ މަސްވެރިކަން ދަށްވުމުން އެތަން ސާފުކޮށް ބަލަހައްޓާ، އެތާނގައި ސަލަވާތް ފާތިހާ ކިޔެވި ތަނެކެވެ. އެގޮތަށް އެކަން ކުރުމުން މުށިމަހާއި ގުންބަޅަ ފަދަ މަސް އައިނުތައް ފަޅުތެރެއަށް ވަންނަ ކަމަށް އެރަށުގެ އިސްރަށްވެހިން ބުނެއުޅެއެެވެ.

މަގާމްފުޅު

ނޮޅިވަރަމްގެ ބޮޑުމަގުގައި ހުންނަ "މަގާމްފުޅު" ޒިޔާރާތަކީ ލަފާކުރެވޭ ގޮތުގައި ގާތްގަނޑަކަށް 900 އަހަރުވެފައިވާ ޒިޔާރާތަކަށް ވާއިރު އެ ޒިޔާރާތަކީ ކުރީ ދުވަސްވަރު ބަލިތަކުން ސަލާމަތްވެއްޖެ ނަމަ އެ ޒިޔާރާތަށް ކާށި ގެންދިއުމަށް ނަދުރު ބުނެ އުޅުނު ޒިޔާރާތެކެވެ.

ނޮޅިވަރަމްގައި ހުންނަ މަގާމްފުޅު / ފޮޓޯ: އާދަމް ހަލީމް

ބޯށިމަގު މިސްކިތް

އެ މިސްކިތަކީ ނޮޅިވަރަމުގެ މައި ސަހަރާގައި ބިނާކޮށްފައިވާ މިސްކިތެކެވެ. ދުވަސްވީ ކުޑަ އެ މިސްކިތަކީ އެ ޒަމާނުގައި މަރުވާ މީހުން ގެންގޮސް ކަށުނަމާދު ކޮށްލުމަށް ހަދާފައިވާ މިސްކިތެކެވެ. އެ ޒަމާނުގައި ކާބަފައިން ވަނީ މި މިސްކިތުގައި ނަމާދުކޮށް މިސްކިތް ސާފުކޮށް ބަލަހައްޓާފައެވެ. އެހެންނަމަވެސް މިހާރު އެ މިސްކިތް ބޭނުން ކުރަނީ މަދު ބައެކެވެ.

ނޮޅިވަރަމް ބޯށިމަގު މިސްކިތް / ފޮޓޯ: އާދަމް ހަލީމް

އާބޭ ޒިޔާރާތް އަދި ކުޑަ މިސްކިތްދޮށު ޒިޔާރާތް

އެ ރަށުގެ އިސްރަށްވެހިން ބުނާ ގޮތުގައި އާބޭ ޒިޔާރާތަކީ ކަނޑުވެގެން އެ ރަށަށް ލެއްގި މީހަކު ވަޅުލާފައިވާ ތަނެކެވެ. އަދި ކުޑަމިސްކިތްދޮށު ޒިޔާރާތަކީ އެ ޒަމާނުގައި މީހުން ނަދުރު ބުނެ ކާށިލާ އުޅުނު ޒިޔާރާތަކަށް ވާއިރު ނަދުރު ސީދާވުމުން މީހުން ދޮންކޭލާ އަޅާ ކިރުން ފަދަ ކަންކަން އެ ތަނުގައި އެ ޒަމާނުގައި ކޮށް އުޅުނު ކަމަށް އެ ރަށުގެ މީހުން ބުނެއެވެ.

މުސްތަފާ ވިދާޅުވީ ދާދިފަހުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނުއާއި އެ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ކުރެއްވި ޒިޔާރާތުގައި އެ ރަށުގެ އާސާރީ ބިނާތަށް އެބޭފުޅުންނަށް ދައްކާލާފައިވާ ކަމަށާއި އެ ބިނާތައް ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށް ދިނުމަށް ކުރެވެން ހުރި ކަންތަައްތަކާމެދު ރަށުގެ ކައުންސިލާއެކު ވަނީ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އާބޭ ޒިޔާރަތް/ ފޮޓޯ: މުސްތަފާ

އެ ރަށުގެ ކުރިމަގަށް ބަލާކަމުގައިވާނަމަ ލޯކަލް ޓޫރިޒަމް ކުރިއެރުމަށް ރަނގަޅު ރަށެއްގެ ގޮތުގައި ފާހަގަކުރައްވާ އެ އާސާރީ ބިނާތައް ބޭރުގެ ފަތުރުވެރިންނަށް ދައްކައިފިނަމަ އެމީހުންގެ މަގުބޫލުކަމާއި ޝައުގުވެރިކަން އެތަންތަނަށް ލިބޭނެ ކަމަށް ޔުމްނާއާ ހަވާލާދެއްވާ މުސްތަފާ ވިދާޅުވިއެވެ. އެ އާސާރުތައް ދެމެހެއްޓުމަށްޓަކާ ކުރެވެން ހުރި ހުރިހާ ކަމެއްގައި އެއްބާރުލުން ދެއްވާނެ ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވި ކަން ފާހަގަކުރައްވާ މުސްތަފާ ވިދާޅުވީ އެއީ އެތަންތަން ހިމާޔަތް ކުރުމަތް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއް ކަމުގައެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި ނޮޅިވަރަމަކީ ވަރަށް ހިތްހެޔޮ ބައެއް ދިރިއުޅޭ މަލަމަތި ފެހި ރާއްޖޭގައި އޮތް އެންމެ ފިނި އެއް ރަށެވެ. އެ ރަށަށް އެއްފަހަރު ގޮސްފިނަމަ ދެވަނަ ފަހަރު ދާން ބޭނުން ވާ ކަމަށް އެ ރަށަށް ޒިޔާރާތް ކުރާ މީހުން ބުނާކަމީ އެކަމުގެ ހެއްކެއް ކަމުގައި މުސްތަފާ ވިދާޅުވިއެވެ. ހޫނު މޫސުމުގައި ވެސް އެންމެ ފިނި އެއް ރަށުގެ ގޮތުގައި މުސްތަފާ އެ ރަށް ފާހަގަ ކުރެއްވި އިރު އޭނާ ވިދާޅުވީ ކޮންމެހެން ކަނޑަން ޖެހިގެން ނޫނީ އެ ރަށުން ގަސް ނުކަނޑާ ކަމަށެވެ. މީގެ އިތުރަށް އެ ޖަޒީރާވަންތަ ގޮތެއްގައި ދިރިއުޅުމަށް ވަރަށް ބޮޑަށް ލޯބި ކުރާ ރައްޔިތުން ތިބި ރަށެއް ކަމަށާއި މީގެ 25 އަހަރު ކުރިން އެ ރަށަށް ގޮސްފައިވާ މީހަކަށް މިހާރުވެސް ބަނދަރުން ފައިބައިގެން އޭރު ހުރި ގެއަކަށް ދާން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެެ.