އަރަބިއްޔާ ސްކޫލް ގެ ދަރިވަރުުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުމާމެދު ފައިސަލާ ކުރަނިވި ހުކުމެއް ހޯދުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް "ރެހެންދި ޗޭމްބާސް އެލްއެލްޕީ"އިން ނެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މޫނު ކަޝްފުކޮށްގެން މުޖްތަމައުގެ ތެރެއަށް ނިކުންނަން ބޭނުންނުވާ އަރަބިއްޔާ ސްކޫލު ކުދިންނަށް އެ ސުކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދަނިކޮށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެކަން ކުދިންނަށާއި އަދި ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީއިން އަންގާފައި ވާތީއެވެ.
މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ގެޒެޓް ނުކޮށް އާންމު ކޮށްފައިވާ ސްކޫލްދަރިވަރުންގެ އާންމު ގަވާއިދާއި އަދި ސްކޫލްގެ ޔުނިފޯމް ކޯޑުގެ ތެރެއިން މިކުދިން ސްކޫލަށް ދިޔުމުގެ ހައްގުން މަހްރޫމް ކުރުވަމުންދާ މައްސަލަ، ފައިސަލާ ކުރިނިވި ހުކުމެއް ހޯދުމަށްޓަކައި މިއަދު ހުށަހެޅި މި މައްސަލައަކީ މިކަމުގެ ސަބަބުން ތައުލީމް ހާސިލުކުރުމަށް ހުރަސްއެޅެމުންދާ ބައެއް ކުދިންގެ ބެލެނިވެރިންގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
މިކަމާ ގުޅިގެން ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާ ކުދިންނަށް ހާޒިރުނުވެވޭނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ދައުލަތަށާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަން އަދި އަރަބިއްޔާސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެ މައްސަލައިގައި އެދިފައިވެއެވެ. އަދި އަރަބިއްޔާ ސްކޫލްގެ މޫނު އަޅާ ދަރިވަރުންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭތީ މިކަންކަމުގެ ސަބަބުން ކުދިން ތައުލީމުން ދުރުވެ، ކިޔެވުމަށާއި އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ބުރު އަރަމުންދާތީ މިކަމަށް ހައްލެއް ހޯދުމަށްވެސް އެ މައްސަލައިގައި ހިމަނާފައި ވެއެެވެ.
މިމައްސަލަ ކޯޓަށް ހުށަހާޅަފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 2020/24 ތައުލީމުގެ ގާނޫނު އަދި ގާނޫނު ނަންބަރު 2019/19 ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އިތުރުން އާއި ދިވެހިރާއްޖެ ބައިވެރިވެ، އަދި ބަލައިގަނެފައިވާ ބައިނަލްއަގްވާމީ މުއާހަދާތައް ކަމުގައިވާ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހުމަން ރައިޓްސް، ކޮންވެކްޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް، ކޮންވެކްޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގެންސްޓް ވުމެން އަދި ޔުނައިޓެޑް ނޭޝަންސް ކޮންވެކްޝަން އޮން އިކޮނޮމިކް އެންޑް ސޯޝަލް ރައިޓްސްގެ ދަށުންނެވެ.
ފުރަތަމަ ނިންމާންވީ އިންސާނުން އިންސާނުންގެ ގޮތުގައި އެކަކު އަނެކަކަށް ފެނިދެނިވެ އެކަކުގެ ހިނިތުންވުން އަނެކަކަށް ފެނުމުގެ ފުރުސަތުވެސް ނޯންނަގޮތަށް އަދި އަންހެނުންގެ ތަބިއްޔަތާއި ވެސް ޚިލާފުވާގޮތަށް ހެދުން އެޅާންޖެހޭކަމަށް ބަޔަކު މި ދައްކަނީ ރަނގަޅު ވާހަކައެއްތޯ ނުވަތަ ނޫންތޯ.