2،590 ވޯޓުގެ ތަފާތަކުން ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރު ބަލިކުރައްވައި، މާލޭގެ މޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ހޯއްދަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށިތައް ގުނައި ނިންމައި ރޭ އާންމުކުރި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން:
- ޝުއައިބު އަލީ (އަމިއްލަ): 125 ވޯޓު
- ހުސައިން ވަހީދު (އަމިއްލަ): 1،888 ވޯޓު
- އައިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ): 5،031 ވޯޓު
- އާދަމް އާޒިމް (އެމްޑީޕީ): 7،621
- މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް): 2،343 ވޯޓު
އެހެންކަމުން އާޒިމް މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގަތީ ވޯޓުލީ މީހުންގެ 44.8 ޕަސެންޓު ވޯޓު ލިބިގެންނެވެ. ދެވަނަ އަށް އެންމެ ގިނައިން ވޯޓު ލިބިވަޑައިގަތް އާޒިމާ އަށް ލިބުނީ ވޯޓުލީ މީހުންގެ 29.6 ޕަސެންޓެވެ.
ވޯޓާ ގުޅުންހުރި އެހެނިހެން ތަފާސްހިސާބުތައް:
- ވޯޓުލުމުގެ ހައްގު ލިބޭ މީހުން: 54،680
- ވޯޓުލި މީހުން: 17،410
- ސައްހަ ވޯޓު: 17،008
- ޕަސެންޓޭޖް: 100 / 31.84
މޭޔަރުގެ މަގާމުގެ އިތުރުން، ތިން ދާއިރާއެއްގެ ކައުންސިލަރުން ވެސް ވަނީ އިންތިހާބުކޮށްފައެވެ. އެއީ:
- ހެންވޭރު ދެކުނު: އާމިނަތު ރިޝްފާ އަހްމަދު (ޕީއެންސީ)
- މެދުހެންވޭރު: އަހްމަދު ރިޝްވާން ރަޝީދު (އެމްޑީޕީ)
- މާފަންނު ދެކުނު: ހަސަން ނިޒާމް (ޕީއެންސީ)
މީގެ ކުރިން މި ހަތަރު ގޮނޑި ހުސްވުމާ ހަމައަށް މި ގޮނޑިތަކުގައި ތިއްބެވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން ކަމަށްވީ ނަމަވެސް، އިއްޔެގެ އިންތިހާބަށް ފަހު މީގެ ތެރެއިން ދެ ގޮނޑި ލިބިފައި ވަނީ އެމްޑީޕީއަށެވެ. އެއީ މޭޔަރުގެ މަގާމާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރުގެ ގޮނޑިއެވެ.
އާންމު ގޮތެއްގައި ލޯކަލް ކައުންސިލް އިންތިހާބުތަކަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ކުޑަކަން ފާހަގަކުރެވެއެވެ. އިއްޔެ ބޭއްވި އިންތިހާބަކީ މިހާތަނަށް މާލޭގައި ބޭއްވި އިންތިހާބުތަކުގެ ތެރެއިން އެންމެ މަދުން މީހުން ވޯޓުލާން ނިކުތް އިންތިހާބެވެ.