ދިވެހިރާއްޖޭގައި އަމަލުކުރަމުން ދާ ގާނޫނު އަސާސީ އަށް 16 އަހަރުވި އިރުވެސް ރިވިއު ނުކުރެވި އޮތުމަކީ ކަންބޮޑުވާކަމެއް ކަމުގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކުރު ވިދާޅުވެއްޖެއެވެ.

މިއީ މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީސް (އެމްސީޕީއެސް) އިން ރާއްޖޭގެ ފޮރިން ޕޮލިސީ ހިމެނޭހެން ހަ ދައިރާއަކުން އިލްމީ ދިރާސާތަކެއް ކުރުމަށް ފަށާފައިވާ މަސައްކަތްތައް ރަސްމީކޮށް ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި އާޒިމާ ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގެ ދަށުން ދައުލަތް ހިންގުމުގެ މުރާޖައާގެ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.

މި ޕްރެޒެންޓޭޝަނަށް ފަހު އާޒިމާ ވިދާޅުވީ ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުއަސާސީ، ސީދާ ބަޔާން ކުރާ ގޮތުގެ މަތީން ތަންފީޒު ކުރެވެމުންދާކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ގާނޫނުއަސާސީ ތަސްދީގު ކުރެވުނު ފަހުން 16 އަހަރު ފުރޭއިރު، މިވީ އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ގާނޫނުއަސާސީ ރިވިއު ކުރެވިފައިނުވާކަމަށް އާޒިމާ ވިދާޅުވިއެވެ،

މީގެ އިތުރުން އާޒިމާ ވިދާޅުވީ ގާނޫނުއަސާސީއަށް 10 އަހަރު ފުރިގެން ވެސް ކުރެވިފައި އޮތީ ޑެސްކް ރިވިއުއެއްކަމަށާއި އެ މަސައްކަތަށް ފަހު އައި އެއްވެސް ހުށަހެޅުމެއް ތަންފީޒު ކުރެވިފައިނުވާކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީ ރަނގަޅު ގޮތުގައި ތަންފީޒު ކުރެވޭ ނަމަ، ހާލަތު އޮންނާނެ ގޮތް ބަޔާން ކުރުމުގެ މަސައްކަތް ބައިނަލްއަގްވާމީ އެކްސްޕާޓުން ހިމެނޭ ގޮތަށް ފަސް މީހުންގެ ގުރޫޕަކުން ފެށާފައިވާކަމަށް އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި، އަދި ގާނޫނުއަސާސީ ތަންފީޒުކުރުމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ބައެއްގެ ހައިސިއްޔަތުން، މިފަދަ މަސައްކަތެއްކޮށް، ލިޔެ، ރިކޯޑުކޮށް، މިހާރުގެ ދިވެހި މުޖްތަމައަށާ، ކިޔަވާކުދިންނަށާ އަދި މުސްތަގްބަލަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ދެކޭކަމަށެވެ.

ކުރީގެ ދެބަންޑާރަނާއިބުން ކަމުގައިވާ އާޒިމާ ޝަކޫރާއި ދިޔާނާ ސައީދު އިސްވެ ތިއްބަވައިގެން، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި އެ އޮނިގަނޑުގެ ދަށުން ދައުލަތް ހިންގުމުގެ ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިއީ ދިވެހިރާއްޖެއަށް އަސަރުކުރާނެ އަދި ކޮށްފާނެ ހުރިހާ ދާއިރާއެއްގައި، ބައިނަލްއަގްވާމީ އަދި ގައުމީ މައްސަލަތަކާ އަދި ސިޔާސަތުތަކާބެހޭ ގޮތުން އިލްމީ އަދި ފަންނީ ދިރާސާކުރުމަށް އުފައްދާފައިވާ ޕޮލިސީ އެމްވީގެ ފުރަތަމަ މަަސައްކަތެވެ.