ފިލިޕީންސްގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކުގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އެކްސިޑެންޓްގައި އަނިޔާވެ އައިސީޔޫގައި ފަރުވާ ދެނީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ލުހެއިމް މުހައްމަދު އިސްމާއީލް އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ އޭނާ ދުއްވި ސައިކަލު، ބާރު ސްޕީޑްގައި ދުއްވި އެހެން ސައިކަލެއްގައި ޖެހި ލުހެއިމް ވިއްސައިގެން ގޮސް ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އޭނާގެ ދެ ފައި ބިނދިފައި ވާއިރު އެކްސިޑެންޓަށް ފަހު އޭނާ އަދިވެސް ހޭ ނާރާ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓާ ގުޅިގެން އޭނާގެ އާއިލާގެ މީހުން ވަނީ އެ ގައުމަށް ގޮސްފައެވެ.

އޭނާއަކީ ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ޕައިލެޓް ކޯސް ހަދަމުން އަންނަ ދަރިވަރެކެވެ. އޭނާ ވަނީ ޓްރެއިނިންގެ ބޮޑު ބައެއް ވެސް ފުރިހަމަ ކޮށްފައެވެ.