މަދުން ނޫނީ ނުފެންނަ ޒާތުގެ ފަންޏެއް ކަމަށްވާ އެފްރިކަން އައިވޯމްއެއް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ދެއްކި މީހެއްގެ ލޮލުން ނަގައިފިއެވެ.

މި ފަނި ނަގާފައި ވަނީ ލޯރަތްވުމާއި އަދި ލޮލުގައި ދިރޭ އެއްޗެއް އުޅޭކަމުގެ އިހުސާސްތަކެއް ކުރެވިގެން އޭއީއެޗަށް ދެއްކި ބިދޭސީ އަންހެނެއްގެ ލޮލުން ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

އޭއީއެޗުން ބުނީ، އާންމުކޮށް ނުފެންނަ މި ފަނި އެ މިހާގެ ލޮލުން ނެގުމަށް ފަހު، އިތުރު މައްސަލައެއް ހުރިތޯ ބެލުމަށް އެމްއާރްއައި އެއް ވެސް ހަދާފައިވާ ކަމަށާއި އަދި ނަތީޖާތަކުން އެއްވެސް މައްސަލައެއް ފާހަގަ ނުވާ ކަމަށެވެ. އަދި ބަލިމީހާގެ ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އެމީހާގެ ލޮލުން ނެގި އެފްރިކަން އައިވޯމް

އޭއީއެޗް އިން ބުނީ، މިއީ ފެނުނު އެފްރިކަން އައި ވޯމްގެ ފުރަތަމަ ކޭސް ކަމަށާއި ޝައްކު ކުރެވޭ މިފަދަ އިތުރު ކޭސް އެއް ފެނިފައި ނުވާ ކަމަށެވެ.

'އެފްރިކަން އައި ވޯމް' ނުވަތަ ލޮއާ ލޮއާ އަކީ އާންމުކޮށް އެފްރިކާ ސަރަހައްދުން ފެންނަ ފަންޏެކެވެ. މި ފަނި އިންސާނާގެ ހަށިގަނޑުގައި އުފެދެނީ 'ޑިއާ ފްލައި' ކިޔާ ސޫތްޕެއްގެ ފުށުންނެވެ.