އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކައިރި އަތޮޅުތަކަށް އަމާޒުކޮށްގެން އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް ފުވައްމުލައް ސިޓީއާއި ތިނަދޫ ސިޓީގެ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއެކު މަޝްވަރާތައް ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްގެ "ދުވެލި" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭއީއެޗްގެ ސީއީއޯ ޑރ. އަހްމަދު އަދީލް ނަސީރު ވިދާޅުވީ، މި ޕްރޮގްރާމްތަކުގެ ސަބަބުން ސަރަހައްދީ ފެންވަރުގައި ހޮސްޕިޓަލަށް އޮންނަ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ހިދުމަތްތަކުގެ ޔަގީންކަން ލިބިގެންދާނެ ކަމަށެވެ.
ޑރ. އަދީލް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް އޭއީއެޗްގެ ސްޕެޝަލިސްޓުންނާ، ރޭޑިއޮލޮޖިސްޓުން ހުޅުދޫ އާއި މީދުއަށް ޒިޔާރަތްކޮށް ހިދުމަތް ދެމުން އާދެއެވެ. މީގެ އިތުރުން ނޭޝަނަލް ކާޑިއޮލޮޖީ ޑިޕާޓްމަންޓުގެ ޓީމުން ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާގައި އޭއީއެޗަށް ޒިޔާރަތް ކުރަމުންދާކަން އަދީލް ވަނީ ފާހަގަކުރައްވާފައެވެ.
މިހާރު އޭއީއެޗަށް ބޭރުން ކާޑިއޮލޮޖިސްޓަކު ގެނެސްފައިވާއިރު، މާލޭގެ ޓީމާއެކު މަސައްކަތްކޮށްގެން ކުރިއަށް އޮތްތަނުގައި އަމިއްލައަށް މި ދާއިރާ ކުރިއެރުވުމުގެ ފުރުސަތު ލިބޭނެކަމަށް އަދީލް ވިދާޅުވިއެވެ. މީގެ އިތުރުން އަދީލް ވިދާޅުވީ އައްޑޫގައި ހުޅު ބަދަލުކުރުން ފަދަ ބޮޑެތި އޮޕަރޭޝަންތައް ފެށުމަށްވެސް މަޝްވަރާކުރަމުން އަންނަކަމަށެވެ.
"އައުޓްރީޗް ޕްރޮގްރާމްތަކުގެ ސަބަބުން މާލެ ނައިސް ރަށުގައި، އާއިލާ ކައިރީގައި ތިބެގެން ފަރުވާ ލިބުމަކީ ނަފްސާނީގޮތުންވެސް ބަލިމީހާއަށް ލިބޭ ވަރަށް ބޮޑު ލުޔެއް." އަދީލް ވިދާޅުވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުންވެސް އޭއީއެޗް އާއި ރީޖަނަލް އެހެން ހޮސްޕިޓަލްތަކާއި ގުޅިގެން އައުޓްރީޗް ޕްރޮގްރާމްތައް ހިންގަމުން އަންނައިރު އަދީލް ވިދާޅުވީ މިޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ދެމުންދާ ޔުނިވާސަލް ހެލްތު ކެއާ ހަރުދަނާކޮށް ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ސިއްހީ ފަރުވާ ލިބޭނެ މަގުފަހިވެގެންދާ ކަމަށެވެ. ހަމައެއާއެކު އައިޖީއެމްއެޗުން ކުރިއަށްގެންދާ އައުޓްރީޗް ޕްރޮގްރާމްގެ ފައިދާ އޭއީއެޗްގެ ކުރިއެރުމަށްވެސް ލިބޭކަމުގައި އޭނާ ވިދާޅުވިއެވެ.
ސިއްހީ ފަރުވާއަށް މާލެ ސަރަހައްދަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.
