"ޔޫތު މިނިސްޓްރީގެ" ގުދަން ބޭނުންކުރަމުން ދިޔައީ ގަވައިދާ ހިލާފަށް ކަމަށާއި، އެ ގުދަން ހެދުމަށް އެއްވެސް ފަރާތަކާ އެކު އެއްބަސްވުމެއް ހަދާފައިނުވާ ކަމަށް، އެ ކައުންސިލުން މިއަދު ބުނެފިއެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި ޔޫތު މިނިސްޓަރު މަހްލޫފް ވަނީ، ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ވަދެ، އެ ތަނުގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށްލައިގެން އެ ތަނުގައި ހުރި އަގުބޮޑު ސާމާނުތައް ކައުންސިލުން ގެންދާ ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި އެކަން ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

މަހްލޫފް ވިދާޅުވީ، އެ މައްސަލަ މިހާރު ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.

މިނިސްޓަރުގެ ތުހުމަތުތަކަށް ރައްދުދީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ޔޫތު މިނިސްޓްރީގެ ގުދަން ކަމަށް ބުނާ ގުދަން ހުންނަ މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިންތަކަކީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއް ކަމަށާއި، އެ ބިމުގެ ދެކުނަށް ހުރި، އިދިކޮޅު ޕީޕީއެމްގެ ކުރީގެ ރުމާލު ޖަގަހަ އާއި ފުލުހުންގެ ޓޯޔާޑާ ދެމެދު ހަދާފައިވާ އެ ގުދަނަކީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއްގައި ހަދާފައި ހުރި ގުދަނެއް ކަމަށެވެ.

އެ ގުދަން ހަދާފައި ވަނީ، ކައުންސިލުން ބުނި ގޮތުގައި:

  • ކައުންސިލްގެ އެއްވެސް ހުއްދައެއް ނެތި
  • ގުދަން ހުރި ބިމުން ބައެއް ކުއްޔަށް ދިނުމަށް ނުވަތަ ގުދަނެއް ހެދުމަށް އެއްވެސް ފަރާތަކާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަކަށް ކައުންސިލްގައި ހުރި ލިޔުންތަކަކުން ނުދައްކާ
  • އެހެންކަމުން އެ ގުދަން ބޭނުންކުރަމުން ދަނީ ކައުންސިލްގެ ހުއްދަ ނެތި ގަވައިދާ ހިލާފަށް

މިދިޔަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ކައުންސިލުން ވަނީ އެ ގުދަނާއި ގުދަނުގައި ހުރި ތަކެތީގެ ވެރިފަރާތް ހޯދުމަށް ހަތް ދުވަހުގެ މުހުލަތެއްދީ، ގެޒެޓުގައި އާންމުކޮށް އިއުލާނުކޮށްފައެވެ. އެ އިއުލާނުގައި ކައުންސިލުން ވަނީ، އެ ގުދަނުގައި ތަކެތި ބަހައްޓާފައިވާ ފަރާތުން އެ މުއްދަތުގައި އެކަން ނާންގާ ނަމަ، ނުވަތަ ގުދަން ކުއްޔަށް ހިފައިގެން ބޭނުންކުރާ ކަމުގެ ލިޔުންތައް ހުށަނާޅާ ނަމަ، އެ ގުދަން ރޫޅާލާ، ގުދަނުގައި ހުރި ތަކެތި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ބަޔާންކޮށްފައެވެ.

ނަމަވެސް އިއްޔެގެ ނިޔަލަށް އެއްވެސް ފަރާތަކުން ގުދަން ބޭނުންކުރާ ކަމުގެ ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ބުނެ، ކައުންސިލުން ބުނީ:

  • އެ ގުދަނަކީ ވެރި ފަރާތެއް ނެތް ތަނެއް ކަމަށް ބަލައި ގުދަން ހުސްކުރަން ބެލިއިރު، މުދާތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށް
  • އެހެންވެ، ގުދަނުގައި ހުރި ތަކެތި ރައްކާތެރިކަމާ އެކު ކައުންސިލްގެ ބިމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް

ކައުންސިލުން ބުނީ، އެގޮތަށް ކައުންސިލުން ކަންކުރީ އެ ގުދަން ހުރި ތަނަކީ ކައުންސިލަށް އެއްވެސް މަންފާއެއް ނުލިބޭ ތަނަކަށް ވެފައި، އެ ބިމުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ގުދަން ހުސްކޮށް މުދާތައް ނަގައި އެހެން ބިމަކަށް ބަދަލުކުރަމުން ދަނީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް، ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ.