ރާއްޖޭގެ އާބާދީގެ 26 ޕަސެންޓަކީ ބިދޭސީއިންކަން މިދިޔަ އަހަރު ބޯހިމެނުމުގެ ނަތީޖާއިން ދައްކައިފިއެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،122 މީހުން ކަމަށްވާއިރު އޭގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 382،751 މީހެކެވެ. އަދި ބާކީ 132،371 މީހުންނަކީ ބިދޭސީންނެވެ. މި ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިރިއުޅެމުންދާ ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއް ދިރިއުޅެމުންދެއެވެ.

މާލެއާއި އަތޮޅު ތެރޭގެ ޖުމްލަ އާބާދީއާއި ބިދޭސީންގެ އާބާދީ:

  • މާލޭގެ އާބާދީގައި 212,138 މީހުން ދިރިއުޅޭއިރު 51,030 މީހަކީ ބިދޭސީން
  • އަތޮޅު ތެރޭގެ ރަށްތަކުގައި 236,747 މީހުން ދިރިއުޅޭއިރު 32,470 މީހަކީ ބިދޭސީން
  • ރިސޯޓުތަކުގައި 52,396 މީހަކު އުޅެމުންދާއިރު 36,707 މީހަކީ ބިދޭސީން
  • ސިނާއީ މަސައްކަތް ކުރާ އިތުރު ރަށްތަކުގައި 13,841 މީހަކު އުޅެމުންދާއިރު 12,164 މީހަކީ ބިދޭސީން

މި ހިސާބުތަކަށްބަލާއިރު ބިދޭސީންގެ އާބާދީގެ 39 ޕަސެންޓް މީހުން ދިރިއުޅެމުން ދަނީ މާލޭގައި ކަމަށްވާއިރު 25 ޕަސެންޓް މީހުން ދިރިއުޅެމުންދަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ. އަދި ރިސޯޓްތަކުގައި 28 ޕަސެންޓް މީހުން ދިރިއުޅޭއިރު ސިނާއީ ރަށްރަށުގައި އުޅެނީ އޭގެ ތެރެއިން 9 ޕަސެންޓް މީހުންނެވެ.

ރިސޯޓްތަކާއި ސިނާއީ މަސައްކަތައްތައް ކުރާ ރަށްތަކުގައި ދިވެހިންނަށް ވުރެ ބިދޭސީއިން ގިނައިރު ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންގެ 30 ޕަސެންޓަކީ ދިވެހިން ކަމަށްވާއިރު ބާކީ 70 ޕަސެންޓަކީ ބިދޭސީންނެވެ. އަދި ސިނާއީ މަަސައްކަތްކުރާ ރަށްތަކުގައި 88 ޕަސެންޓް ބިދޭސީން މަސައްކަތް ކުރާއިރު ބާކީ 12 ޕަސެންޓަކީ ދިވެހިންނެވެ.