ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ އާބާދީގެ 47 ޕަސެންޓަކީ ބިދޭސީން ކަމަށާއި، މުޅި ރާއްޖޭގެ ނިސްބަތުން ކޮންމެ ތިން މީހަކުން އެކަކީ ބިދޭސީއެއް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދުނިޔޭގެ އާބާދީ ދުވަހާ ގުޅުވައިގެން އާންމުކުރި މި ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ އާބާދީ މިހާރު ވަނީ 590،079 އަށް އަރާފައެވެ. މީގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 394،054 އެވެ. އަދި ބިދޭސީންގެ އާބާދީއަކީ 196،024 އެވެ.މާލޭގެ އާބާދީ އަކީ 196،024 މީހުން ކަމުގައިވާއިރު އޭގެ ތެރެއިން ކޮންމެ 3 މީހަކުން 1 އަކީ ބިދޭސީއެކެވެ. މީގެ އިތުރުން ރަށްރަށުގެ ކޮންމެ 5 މީހަކުން 1 އަކީ ބިދޭސީއެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ (20 އަހަރާއި 45 އަހަރާ ދެމެދު) ގައި ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީ ފިރިހެނުންގެ ނިސްބަތް އިތުރެވެ. މީގެ އިތުރުން ރާއްޖޭގެ އިގްތިސާދުގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައިވެސް ބިދޭސީންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
2022 ވަނަ އަހަރުގެ ބޯހިމެނުމަށްފަހު ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރުވެފައިވަނީ 11،000 އެއްހާ ދިވެހިންނެވެ. ނަމަވެސް ބިދޭސީންގެ ޑޭޓާ ބެލެހެއްޓުން ހަރުދަނާވުމާއެކު، ރާއްޖޭގައި ރަޖިސްޓްރީވެގެން އުޅޭ ބިދޭސީންގެ އަދަދު ވަނީ 63،000 އަށްވުރެ މަތީގެ އިތުރުވުމެއް ދައްކާފައެވެ.
ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ވަނީ ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައިވާއިރު ތަފާސްހިސާބުތަކުން ދައްކާގޮތުގައި 17 އަހަރުން ދަށުގެ އާބާދީއަކީ 114،361 އެވެ. އަދި ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
