ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭގެ 7 ވަނަ ބުރު މި ހަފްތާ ތެރޭ ކުރިއަށް ދާނެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނެފިއެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ "ލޭބާ ފޯސް ސާވޭ 2024" ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެގޮތުން މިއަދު މި ސާވޭގެ 7 ވަނަ ބުރު ކުރިއަށް ދާއިރި، އެ ބޮއުރޯ އިން ބުނީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މި ސާވޭއަށް ސާމްޕަލް ނަގާނީ ރެންޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކަށް ގޮސްގެން ކަމަށެވެ. މި ސާވޭއަށް ގޭބިސީތަކުން އެއްބާރުލުން ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ބިއުރޯއިން ބުންޏެވެ. މި ހަފްތާގެ ސާވޭ ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ސާވޭގެ މަގުސަދުތައް:
- އިގުތިސާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުން.
- ލޭބާ ފޯސް ޕާޓިސިޕޭޝަން ރޫޓް ދެނެގަތުމާއި އަލަށް ވަޒީފާ އުފެދޭ ވަރު ދެނެގަތުން.
- އެމްޕްލޯއިމަންޓް އަދި އަންއެމްޕްލޯއިމަންޓް ރޭޓް ދެނެގަތުން.
- ހިޖުރަކުރުމުގެ ރޭޓް ހޯދުން އަދި އާބާދީގެ ޕްރޮޖެކްޝަންތައް އަޕްޑޭޓްކުރުމަށް ބޭނުންވާ ޑޭޓާ ހޯދުން.
- ޑީސެންޓް ޖޮބްސް އިންޑިކޭޓާ އެކުލަވާލުމަށް ބޭނުންވާ ޑޭޓާ ހޯދުން.
- ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްވާ ވަރު ދެނެގަތުން.
ސްޓެޓިސްޓިކް ބިއުރޯއިން ބުނީ މި ސާވޭގެ ބޭނުމަށް އެއްކުރާނީ މީހުންގެ ތައުލީމީ ފެންވަރާއި އާމްދަނީގެ ތަފުސީލާއި ހިޖު ރަކުރުމާއި ގޭތެރޭގެ މަސައްކަތްތަކުގައި ހޭދަކުރާ ވަގުތާއި މީހުންގެ އާންމު މައުލޫމާތާއި ވަޒީފާ އާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީ އަދި ހިލޭސާބަހަށް މަސައްކަތްކުރާ އާބާދީއާ ގުޅޭ މައުލޫމާތު ކަމަށެވެ.
މިއީ އާންމުންގެ އަގުހުރި ވަގުތާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ސާވޭއަކަށް ވާތީ، މި ސާވޭއަށް އެއްބާރުލުން ދިނުމަށް އާންމުން ހޭދަކުރާ ވަގުތަކީ ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ހަރުދަނާކުރުމަށް ދެވޭ އަގުހުރި ގައުމީ ހިދުމަތެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބިއުރޯއިން ބުންޏެވެ.