ދިވެހިރާއްޖޭގެ އިންފްލޭޝަނާއި، އިގުތިސާދީ ކުރިއެރުން އަދި އާބާދީއަށް އަންނަ ބަދަލުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ބަލާލެވޭނެ "އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރާ" ޕޯޓަލް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ތައާރަފްކޮށްފިއެވެ.

މި ކަމާ ގުޅިގެން އެމްބީއެސް އިން ބުނީ މި ޕްލެޓްފޯމް ލޯންޗުކޮށްފައިވަނީ، އެމްބީއެސް އަކީ ފަންނީގޮތުން މިނިވަން ގައުމީ ތަފާސްހިސާބު އޮފީހެއްގެ ގޮތުގައި ކަނޑައެޅި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު ވުޖޫދަށް އައިތާ 5 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތުގެ ތެރެއިންކަމަށެވެ.

މި ޑޭޓާ އެކްސްޕްލޯރާ މެދުވެރިކޮށް، އާންމުންނަށް އަދި ދިރާސާކުރާ ފަރާތްތަކަށް ތަފާސްހިސާބުތައް އިންޓަރެކްޓިވްކޮށް ބަލާ ދެނެގަނެވޭނެކަމަށް އެމްބީއެސް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި:

  • ކޮންސިއުމާ ޕްރައިސް އިންޑެކްސް: ތަކެތީގެ އަގުތަކަށް އަންނަ ބަދަލާއި އިންފްލޭޝަންގެ މައުލޫމާތު.
  • ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު: ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި އުފެއްދުންތެރިކަމުގެ ތަފާސްހިސާބު.
  • އާބާދީގެ ލަފާކުރުންތައް: ކުރިމަގުގައި އާބާދީއަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް ހިމެނެއެވެ.

މި ޕްލެޓްފޯމްގެ މުހިންމު މަގުސަދަކީ ދިވެހިރާއްޖޭގެ އިގުތިސާދީ އަދި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުން ހޭލުންތެރިކުރުވުމާއި، ނިންމުންތައް ނިންމުމުގައި އިތުބާރުހުރި ރަސްމީ ޑޭޓާ ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަމަށް އެމްބީއެސް އިން ވަނީ ބުނެފައެވެ.

މި ގާނޫނުގެ ދަށުން، އެމްބީއެސް އިސްކޮށް ހިންގުމަށް ޓަކައި ޗީފް ސްޓެޓިސްޓިޝަން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ބިއުރޯއާ ގުޅޭ ކަންކަމުގައި ޒިންމާވާންޖެހޭ ވުޒާރާއަކީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިޒަސްއަށްވާއިރު، ބިއުރޯ ހިންގަނީ މިނިސްޓާ އޮފް ފައިނޭންސްގެ އިރުޝާދުގެ ދަށުންނެވެ.