މުޅި ރާއްޖެ ހިމެނޭހެން ކުރިއަށްގެންދާ އާމްދަނީއާއި ހަރަދުކުރުން ހުރިގޮތުގެ ސާވޭގައި 4000 އަށްވުރެ ގިނަ ގޭބިސީއިން މައުލޫމާތު އެއްކުރުމަށް ނިންމާފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފިއެވެ.
ކޮންމެ 5 ނުވަތަ 6 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ މި ސާވޭއަކީ ރާއްޖޭގެ ރައްޔިތުންގެ އިގްތިސާދީ ހާލަތާއި ދިރިއުޅުމުގެ ފެންވަރު ދެނެގަތުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެންމެ ފަހުން މިފަދަ ސާވޭއެއް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށި މި ސާވޭގެ ފުރަތަމަ ބުރުގެ މަސައްކަތް މިހާރު ކުރިއަށްދަނީ މާލެ ސަރަހައްދުގައެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މައުލޫމާތު ދެއްވާ ގޮތުގައި، މާލޭގެ ގޭބިސީތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެކަމަށް ލަފާކޮށްފައި ވާއިރު، މާލެއާއި އެހެނިހެން ސިޓީތަކުން ޖުމުލަ 2085 ގޭބިސީއަކުން މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުގައި މި ސާވޭ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ. އަތޮޅުތަކުގެ ރަށްތަކުން 2010 ގޭބިސީއެއް ހިމެނޭހެން، މުޅި ސާވޭގައި ޖުމުލަ 4095 ގޭބިސީއަކުން މައުލޫމާތު އެއްކުރަން ވަނީ ހަމަޖެހިފައެވެ.
މި ސާވޭ ކުރިއަށްގެންދިއުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ގޭބިސީތަކުގެ އެވްރެޖް ހަރަދާއި އާމްދަނީ ހުރިގޮތް ދެނެގަތުމާއި، ރާއްޖޭގެ ފަގީރުކަމުގެ މިންގަނޑު އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން، ބާޒާރުގެ އަގުތަކުގެ މިންގަނޑު ނުވަތަ ސީޕީއައި އިސްލާހުކުރުމާއި، އާމްދަނީއާއި ހަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުން ހިމެނެއެވެ. ސާވޭގައި ކުއްޔާއި، ބިލުތަކާއި، ކާބޯތަކެއްޗާއި، ސިއްހީ އަދި ތައުލީމީ ހަރަދުތަކުގެ އިތުރުން ފަރުދުންގެ މަސައްކަތާއި އާމްދަނީއާ ގުޅޭ ތަފްސީލީ މައުލޫމާތު އެއްކުރެވޭނެއެވެ.
ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނި ގޮތުގައި، މި ސާވޭގައި އެއްކުރާ މައުލޫމާތުތަކަކީ ސިއްރު މައުލޫމާތުގެ ގޮތުގައި ހިފަހައްޓާނެ މައުލޫމާތުތަކެކެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާނީ ހާއްސަ ތަމްރީން ދެވިފައިވާ އޮފިޝަލުންނެވެ. މި ސާވޭއިން އެއްކުރެވޭ ހޯދުންތައް ދިރާސާކުރުމަށްފަހު، އެކަމާ ގުޅޭ ރިޕޯޓެއް އެ ބިއުރޯއިން އާންމުކުރަން ހަމަޖެހިފައިވެއެވެ.
