ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއާ ބައްދަލު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު މުހައްމަދު ޝިހާބު ހިމެނޭހެން ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ ޓީމެއް ސަން އައިލޭން ރިސޯޓަށް ވަޑައިގެންފިއެވެ.
ޖޭޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގާސިމް މިއަދު ނިންމާފައި ވާއިރު ގާސިމްއާ ބައްދަލުކުރުމަށް ވަޑައިގެންނެވި ފިކުރެއްގެ ފެކްޝަނުގެ މެންބަރުންނަށް މާމިގިލި އެއާޕޯޓުން ގާސިމް ވަނީ މަރުހަބާ ދަންނަވާފައެވެ. ގާސިމްއާ ބައްދަލުކުރައްވާފައި ވަނީ މުހައްމަދު ޝިހާބުގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް އަދި ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ހަސަން ލަތީފެވެ.
ރައީސް ނަޝީދުގެ ފެކްޝަނުން ރޭ ވެސް ވަނީ ޖޭޕީގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން "ފިކުރެއްގެ ދިރުން" ފެކްޝަނުން އަންނަ ރިޔާސީ އިންތިހާބުގައި ގާސިމްއަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށް ހަސަން ލަތީފްވަނީ ވިދާޅުވެފައެވެ. އަދި ކޯލިޝަން ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދާކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ މިހާރު ކުރަމުންދަނީ "އެ ދިމާލަށް ދިއުމަށް ކުރެވޭ މަސައްކަތްތައް" ކަމުގައެވެ. އެގޮތުން އެގްރިމެންޓެއް ހަދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޖޭޕީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް، ފުރަތަމަ ފަހަރަށް ދާއިރާތަކުގެ ރައީސުން ހޮވަން ނިންމާ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީއިން ވަނީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. އެގޮތުން ބަލާއިރު ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ކަނޑައަޅާފައިވާ ގޮތަށް ރާއްޖޭގެ 87 ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީއިން ހުޅުވާލާފައި ވެއެވެ.
މިހާރު އޮތް ސަރުކާރު ކޯލިޝަނާ ވަކިން ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައި ވަނީ، ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވައި، ކޯލިޝަނެއްގެ ގޮތުގައި ދެމިއޮތުމަށް ރައީސް ދައުވަތު ދެއްވާފައި ވަނިކޮށެވެ. މި މަހުގެ ފުރަތަމަ ދުވަހު ރައީސް އޮފީހުގައި ގާސިމް އާއި ރައީސް ސޯލިހުވަނީ ބައްދަލުވެސް ކުރައްވާފައެވެ.
ލަނޑައާއި ވާނީ ލަނޑައާއި އެވެ. ހިނދުކޮޅު އަންނަ މީހުނަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ބަނގުރާ ވިއްކާ މީހުނާއި ނުލާ ނޫޅެވޭނެއެވެ.