އެގްރޯ ނޭޝަނަލް ކޯޕަރޭޝަން(އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހާރޫން ރަޝީދު އެ މަގާމުން ވަކިކޮށްފިއެވެ.

ހާރޫން ރަޝީދު މިއަދު އެ މަގާމުން ވަކިކޮށްފައިވާއިރު ހާރޫން އެމްޑީޕީ ޕްރައިމަރީގައި ތާއީދުކޮށްފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށެވެ.

ރައީސް ނަޝީދަށް ތާއީދު ކުރެއްވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިދިޔަ އާދިއްތަ ދުވަހު އެ މަގާމުން ވަކިކޮށްފައިވާއިރު ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް ވަނީ އެ މަގާމުން އިއްޔެ ވަކިކޮށްފައެވެ. މި ތިން ބޭފުޅުން މަގާމުން ވަކިކޮށްފައިވާއިރު މި ތިން ބޭފުޅުންނަކީ ވެސް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންއަށް ތާއީދުކޮށް އެމަނިކުފާނުގެ ކެމްޕެއިންގައި ބައިވެރިވާ ބޭފުޅުންނެވެ.

އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. މި ކުންފުނި އުފެއްދީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެގޮތުން އެގްރޯނެޓުން ދަނޑުވެރިންނަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި އާންމުކޮށް ހައްދާ ބާވަތްތައް ރާއްޖޭގެ ބާޒާރަށް ވިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަހަރު ރިޔާސީ ބަޔާން އިއްވަމަމުން ވަނީ ވިދާޅުވެފައެވެ. ދަނޑުވެރިޔާ ކުރި މަސައްކަތް، އާމްދަނީ އަށް ބަދަލު ކުރުމަކީ މިހާތަނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެގްރޯނެޓް ކުންފުންޏަކީ މިކަމަށް ހައްލުހޯދުމަށް ސަރުކާރުން ކޮށި މަގެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މި އަހަރުގެ ނިޔަލަށް ހިފާފައިވާ އަމާޒަކީ ޖުމްލަ 750 ދަނޑުވެރިން އެމަސައްކަތް ފަށައިގެން ދަނޑުވެރިން އުފައްދާ ތަކެތި އެގްރޯނެޓުން ގަންނަމުން ދިއުން ކަމަށް ވެސް ރައިސް ސޯލިހް ވަނީ ވިދާޅުވެފައެވެ.