ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި މަގްސަދުގައި އުފެއްދި ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ ވަކިކޮށްފިއެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބުނީ މިއަދުން ފެށިގެން އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހުސެއިން ދީދީ ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ޕީސީބީން ހާމަކޮށްފައި ނުވެއެވެ.
އެގްރޯ ނެޝެނަލްގެ އެމްޑީ ކަމުން ހުސެއިން ދީދީ ވަކިކޮށްފައިވާއިރު މިއަދު ވަނީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުވެސް މަގާމުން ވަކިކޮށްފައެވެ.
އަދި ހަމަ އެހެންމެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް ހަމަ މިއަދު މަގާމުން ވަކިކޮށްފައި ވެއެވެ.
