އެގްރޯނެޓް އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރުމަށާއި، މާލޭގައި އަޅާ އާ ވެޓް މާކެޓް ހިންގުން މިފްކޯއާ ހަވާލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީއަކަށް ބަދަލުކުރުމުން އިގްތިސޯދީ ގޮތުން ގިނަ ފައިދާތަކެއް ހާސިލްވެގެންދާނެ ކަމަށެވެ. އެގޮތުން ދެ ކުންފުނި ގުޅިގެން ރާއްޖޭގައި އެގްރޯނެޓްގެ ވިޔަފާރި ފުޅާކުރުމަށާއި، ސަރުކާރުގެ ފުޑް ސެކިއުރިޓީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަން އެކުއެކީގައި ކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމުވުމަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލޭގައި އަލަށް އިމާރާތްކުރާ ވެޓް މާކެޓް ހިންގުމާއި ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ހަވާލުކުރަން ނިންމާފައިވަނީ މިފްކޯއާ ކަމަށެވެ. މި ނިންމުމަކީ ސަރުކާރުން އިތުރު ހަރަދެއް ކުރަން ނުޖެހި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި އެ ތަން ބެލެހެއްޓުމަށް ނިންމި ނިންމުމެކެވެ. އަދި އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަށް ވެޓް މާކެޓްގެ މަސައްކަތް އެއްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ "މާލެ ވެޓް މާކެޓް ކޮމްޕްލެކްސް" މަޝްރޫއަކީ 116 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ހިންގާ ބިޔަ މަޝްރޫއެކެވެ. މި މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ 50 މަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެންނެވެ.

މި މަޝްރޫއުގެ ދަށުން 85,000 އަކަފޫޓުގެ ޖާގައެއްގައި ފަސް ފަންގިފިލާގެ ޒަމާނީ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތުގައި ޕާކިން ބޭސްމަންޓެއްގެ އިތުރުން، މަސް މާރުކޭޓަކާއި، ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކާ ފަންގިފިލާތަކާއި ފުޑް ކޯޓެއް ވެސް ހިމެނެއެވެ.