ރާއްޖެއަށް އެތެރެ ކުރުން މަނާ، ބައި މިލިއަނަށްވުރެ ގިނަ އަދަދެއްގެ ސިންގަލްޔޫސް ޕްލާސްޓިކް ކޮތަޅު ކަސްޓަމްސްއިން ނަތްތާލައިފިއެވެ.

ކަސްޓަމްސްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހދ. ކުޅުދުއްފުށިން މިއަހަރުގެ މިހާތަނަށް ނުވަ ސައިޒެއްގެ ޖުމްލަ 5،018،500 ޕްލާސްޓިކް ކޮތަޅު ނައްތާލާފައިވާ ކަމަށެވެ. އަދި މި ތަކެތި ނައްތާލާފައިވަނީ ކުޅުދުއްފުށި ކުނި ނައްތާލާ ސަރަހައްދުގައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 16 ވަނަ ދުވަހު އެކަނިވެސް 535،000 ޕްލާސްޓިކް ކޮތަޅު އެ ރަށުގައި ނައްތާލާފައިވެއެވެ. އެ ތަކެތި ނައްތާލާފައިވަނީ ކްސްޓަމްސްގެ ބެލުމުގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުންނެވެ.

އަދި އެކި ސަބަބު ތަކާ ހުރެ ކަސްޓަމްސްގައި ހިފަހައްޓާފައިވާ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމަށް އެ ކުންފުނީގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ޖޫން 1، 2022 ވަނަ ދުވަހުން ފެށިގެން، އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް ވަނީ ނިމިދިޔަ އަހަރު އެކުލަވާލާފައެވެ. އެގޮތުން ޕްލާސްޓިކް ހޮޅި އަދި ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި އެތެރެ ކުރުމަކީ މަނާ ކަމެކެވެ.