ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް އެ މަގާމުން ވަކިކުރުމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ވެސް އެދުމެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެފައި ވަނީ ޝިފާޒް އެ މަގާމުން ވަކިކުރުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވަމުން ދަނިކޮށެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ގެންނަން އެއް އިރެއްގައި އޭނާ މަސައްކަތް ކުރެއްވި ނަމަވެސް މިއަދު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވާ އިރު ސިޔާސީ މިނިސްޓަރަކަށް ބަހައްޓައިގެން ހުންނެވުން ބުއްދި ގަބޫލު ނުކުރާ ކަމަށެވެ.

ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކިކޮށް، އެ ޕާޓީގެ މިހާރުގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އޭގެ ކުޑައިރުކޮޅެއް ފަހުން އައްޔަން ކޮށްފައެވެ.

ނޮވެމްބަރު 22، 2018 ގައި އެ މަގާމަށް އައްޔަނުކުރި ޝިފާޒް، މިއަދުގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައި ވަނީ އޭނާ އޮފީހަށް ނުނިކުންނަވާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކިކުރި އިރު، އޭނާ ގެންދަވަނީ ނަޝީދު އިސްވެ އުފައްދަވާ "ފިކުރެއްގެ ދިރުން" ގޮފީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ. ޝިފާޒްގެ އިތުރުން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި ހުސައިން އަމްރު ވެސް ވަނީ ދާދި ފަހުން އެ މަގާމުން ވަކިކޮށްފައެވެ. އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާ މި ދަނޑިވަޅުގައި އަމްރު ތާއީދުކުރައްވަނީ ނަޝީދުގެ ފެކްޝަނަށެވެ.