އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކިކުރުމަށް ފަހު، އެ ޕާޓީގެ މިހާރުގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) އެ މަގާމަށް މިއަދު އައްޔަނުކޮށްފިއެވެ.

ނޮވެމްބަރު 28، 2018 ގައި އެ މަގާމަށް އައްޔަނުކުރެއްވި ޝިފާޒް މަގާމުން ވަކިކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. ޝިފާޒް އެ މަގާމުން ވަކިކޮށްފައި ވަނީ އޭނާ އޮފީހަށް ނުނިކުންނަވާ މައްސަލަ ވެސް ބޮޑުވެފައި ވަނިކޮށެވެ.

ރައީސް އޮފީހުން ބުނީ، އެ އޮފީހުގެ މިނިސްޓަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އިބްރާހީމް ވަހީދު އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ އެކަމަށްޓަކައި އެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

އިބްރާހީމް ވަހީދު މީގެ ކުރިން ފުރުއްވި މަގާމުތައް:

  • ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު
  • އެންސްޕާގެ ކުރީގެ ޗެއާމަން
  • ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ބޯޑު މެންބަރު
  • ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ ސެކްރެޓަރީ

ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކިކޮށް، އިބްރާހީމް ވަހީދު އެ މަގާމަށް އައްޔަނުކުރައްވާފައިވާއިރު، ޝިފާޒް ގެންދަވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ "ފިކުރެއްގެ ދިރުން" ގޮފީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.