ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރަން ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދުއެވެ.

މި ގާނޫނަށް އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ ރާއްޖެއަށް ކުނި އެތެރެކުރުމާ ގުޅޭގޮތުން ބަޔާންކުރާ އުސޫލުތައް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްކުރުމުގެ ގޮތުން، ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައެޅުން ކަމަށެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމުގެ ގޮތުން، ގާނޫނު ތަންފީޒުކުރާ އިދާރާތައް ކަމުގައިވާ މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ބުނެވިދިޔަ ގާނޫނުގައި ބަޔާންކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން ހިމެނެއެވެ.

އަދި އެއްވެސް ބަޔަކު ރާއްޖެއަށް އެެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމަށް އިސްލާހުގައިވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ، ކުނި މެނޭޖުކުރުމާ ބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ ޑިސެމްބަރު 18، 2022 ވަނަ ދުވަހުއެވެ.